މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންގައި ފުރަތަމަ 3 ގަޑިއިރުގެ ތެރޭގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީހުންގެ 15 އިންސައްތަ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިއަދު ހެނދުނު 11:00 އާ ހަމައަށް ޖުމްލަ 1،725 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 798 އަންހެނުންނާއި 927 ފިރިހެނުންނެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 11،325 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވެއެވެ.
މި ބައި-އިލެކްޝަންގައި ދެ ރަށެއްގެ ކައުންސިލަށާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ. ހުރިހާ ވޯޓުލާ މަރުކަޒުތަކެއްގައިވެސް ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ.
މާލޭގައި ދިރިއުޅޭ ރަށްވެހިންނަށް ވޯޓުލުމުގެ ފުރުޞަތު ހަމަޖައްސާފައިވަނީ މާފަންނު މަދުރަސާގައި ބަހައްޓާފައިވާ ވޯޓުފޮށިތަކުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ، މިއީ ބައި-އިލެކްޝަނެއް ނަމަވެސް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަކީ ރައްޔިތުންގެ ކަންކަމުގައި ގޮތް ނިންމަންތިބޭ މަންދޫބުންކަމަށްވާތީ، ވީހާވެސް ގިނަ ރައްޔިތުން ވޯޓުލުމުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް