ރ. މީދޫގައި މަގުމަތީގައި އަޑުގަދަކޮށް ހަމަނުޖެހުން ހިންގަމުންދިޔަ ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މަހުގެ 6 ވަނަ ދުވަހު އެރަށު މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ކުދިބަޔަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން، އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް، ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވެއެވެ.
އަދި ފުލުހުންގެ ސްޓޭޝަނަށް ހާޒިރުވުމަށް އެންގުމުން ހަމަނުޖެހުން ހިންގައި، އެ ފުލުސް އޮފިސަރަށް ހަމަލާ ދީފައިވާ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވިއެވެ. ނަމަވެސް މި ހާދިސާގައި އެ ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާ ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާތީ، އެ މައްސަލަވެސް ފުލުހުން ދަނީ ބަލަމުންނެވެ.
މި މައްސަލައިގައި ދެފަރާތުން ކުރާ ތުހުމަތުތަކާ ގުޅިގެން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވަނީ ތަހުގީގެއް ފަށާފައެވެ. މި ތަހުގީގުގައި ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއްވެސް ހަދަމުންދާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް