ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އަށް އިތުރު ވައިޑް ބޮޑީ އެއަރކްރާފްޓެއް މި އަހަރުގެ އޮކްޓޫބަރު މަހުގައި ގެނައުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ.
ރިިޔާސީ ބަޔާނުގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މި އައު އެއަރކްރާފްޓް ގެނައުމުގެ ސަބަބުން ޔޫރަޕުގެ ބައެއް މަންޒިލްތަކަށް ވެސް، ޤައުމީ އެއަރލައިންގައި ސީދާ ރާއްޖެއިން އުދުހެން ފެށޭނެއެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި އަހަރުގެ ޖެނުއަރީ މަހު ވަނީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ އެއަރކްރާފްޓް ގެނެސްފައެވެ. މި އެއަރކްރާފްޓް ގެނައުމާ ގުޅިގެން، މިހާރު ވަނީ ޗައިނާގެ 3 މަންޒިލަކަށް ސީދާ ދަތުރުތައް ފަށާފައެވެ.
މި ކާމިޔާބު ފިޔަވަޅުގެ ފަހުން، އިތުރު އެއަރކްރާފްޓެއް ގެނައުމަށް ނިންމާފައިވާކަމީ ޤައުމީ އެއަރލައިންގެ ހިދުމަތް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް ރައީސުލްޖުމްހުރިއްޔާ މަސައްކަތްޕުޅު ކުރައްވާކަމުގެ ހެއްކެކެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް