ގއ. ވިލިނގިލީގައި އަންހެނަކު، އޭނާ ވިހެއި ދަރިފުޅާއެކު ނިޔާވި މައްސަލައިގެ ޖިނާއީ ތަޙުޤީޤެއް ހިންގުމަށް ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގައިފިއެވެ.
މިކަން ހާމަކުރައްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވީ، މި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބަލައި، އިހުމާލުވެފައިވާ ފަރާތެއް ނުވަތަ ފަރާތްތަކެއް ވާނަމަ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ވަނީ އަންގާފައެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި ދެ މައިން މަރުވެފައިވަނީ ސިޒޭރިއަން ހެދުމަށްފަހު އޮކްސިޖަން ދަށްވެގެންނެވެ. އަށް މަސްވެފައިވާ ދަރިފުޅު ނިޔާވެފައިވަނީ އެއަރ އެމްބިއުލާންސްގައި މާލެ ގެންދިއުމުގެ މަގުމަތީގައެވެ. ސިޒޭރިއަން ހެދުމަށްފަހު މައިމީހާ ހޭނާރާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅިގެން ފަރުވާ ލަސްވެފައިވާ ކަމަށް ބުނެ ވިލިނގިލީ ހޮސްޕިޓަލް ކައިރީގައި ގިނަ ބަޔަކު އެއްވެ، އަޑުއުފުލާފައިވެއެވެ. އަދި މީސްމީޑިއާގައިވެސް ގިނަ ބަޔަކު ދަނީ މިކަމާ ގުޅޭގޮތުން ޝުޢޫރު ފާޅުކުރަމުންނެވެ.
ޞިއްޙީ ވުޒާރާއިން ބުނެފައިވަނީ މި މައްސަލަ މިހާރު ބަލަމުންދާ ކަމަށާއި، ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. ވިހެއުމުގެ ތެރޭގައި މަންމައާއި ދަރިފުޅު ނިޔާވުމަކީ ރާއްޖޭގައި މިހާރު ވަރަށް މަދުން މެނުވީ ހިނގާ ކަމެއް ނޫންކަން ފާހަގަކުރެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް