އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާދެމުން ދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު ނިޔާވި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރަން ފަށައިފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ 11:30 އެހައިކަށްހާއިރުއެވެ. އަދި މި މައްސަލައިގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ތަނަކުން ވެއްޓިގެން ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށްވީ ނަމަވެސް، އެފަދަ ކަމެއް ހިނގާފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، އެ މީހާގެ ހަށިގަނޑު ބެލި ބެލުމުން، ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާންތައް ފިޔަވައި އިތުރު އެއްވެސް ގެއްލުމެއްގެ ނިޝާނެއް ފެންނަން ނެތް ކަމަށާއި، މިހާތަނަށް އާއިލާގެ ފަރާތުންވެސް އެއްވެސް ތުހުމަތެއް ނުވަތަ ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ވެއެވެ.
"އެ މީހާއަށް ފަރުވާދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިޔަކަށް ތެދުވެގެން ދުއްވައިގަނެގެން ދަނިކޮށް ވެއްޓުނުކަމުގެ މަޢުލޫމާތު ހޮސްޕިޓަލުން ދީފައިވެއެވެ،" ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި އާންމު އުސޫލުން ހަށިގަނޑުން ސާމްޕަލް ނަގާފައިވާ ކަމަށާއި، މައްސަލައާ ގުޅޭ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހާމަކޮށްފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް