ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި ދެމިއޮންނާނީ ޤައުމާމެދު ފަޚުރުވެރިވާ ދަރީންތަކެއް އުފެއްދިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ވާހަކަފުޅު ދައްކަވާފައިވަނީ 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ޤައުމެއް ދެމިއޮތުމުގެ ވިސްނުމާއި ޤައުމިއްޔަތަކީ ކޮންމެ ޤައުމެއްގެވެސް އެންމެ އަސާސީ ޤައުމީ މަޞްލަޙަތެވެ. މި ގޮތުން، ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ އަމިއްލަވަންތަކަން ދިރުވައި އާލާކުރުމަށް ވޭތުވެދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.
މި މަސައްކަތްތަކުގެ ތެރޭގައި ދިވެހި ޤައުމިއްޔަތުގެ އިސްވަރު އުފެއްދުމާއި، ދިވެހި ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު ޤާއިމުކުރުން ހިމެނެއެވެ. އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އާސާރީ ތަންތަން ތްރީޑީ ސްކޭންކޮށް، ދިވެހިރާއްޖޭގެ މާއްދީ ތަރިކަ ދަފްތަރުކުރުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، "ތަރިކައިގެ ދާއިރާ ޑިޖިޓައިޒުކުރުމުގެ ސިޔާސަތުގެ ދަށުން އުސްގެކޮޅާއި ކަޅުއޮށްފުންމި އިންޓަރެކްޓިވް އަދި އިމަރސިވް އެކްސްޕީރިއަންސް ފޯރުކޮށްދޭ ޒަމާނީ މިއުޒިއަމަކަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފެށޭނެ" އެވެ.
ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ހިންގޭ ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢެއް ހއ. އަތޮޅުގައި މި އަހަރު ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އެ ގޮތުން އެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހއ. އުތީމު، ތަކަންދޫ، އަދި ބާރަށުގައި ހިމެނޭ މާއްދީ އެހެނިހެން ތަރިކަތައް ވެސް ހިމަނައި ޝާމިލުކުރައްވައިގެން، ދިވެހީންގެ އަމިއްލަވަންތަކަން އިއާދަކުރުމަށާއި ތަރިކައިން އާމްދަނީ ހޯދުމުގެ މަސައްކަތްތަކެއް ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ، ދިވެހި ޤައުމީ ރަމްޒުތަކުގެ ބިލާއި، ދިވެހި ތަރިކައިގެ ކޮލެޖުގެ ބިލު އެކުލަވާލައި، ދިވެހި ބަހަށް އިސްކަންދިނުމުގެ ޤާނޫނަށް އިޞްލާޙުތައް ގެނެސް، ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ހައިސިއްޔަތަށް ޚާއްޞަ އިސްކަމެއް ދިނުމުގެ މަސައްކަތްތަކެއް މި އަހަރުތެރޭ ކުރިޔަށް ގެންދަވާނެކަން ހާމަކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް