ޣައްޒާ ފޭރިގަނެ، އެތަން އެމެރިކާގެ ބިމަކަށް ހެދުމަށް ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް ސަޢޫދީ ޢަރަބިއްޔާއިން ހަރުކަށި ރައްދެއް ދީފިއެވެ. ސަޢޫދީ ޢަރަބިއްޔާއިން ވަނީ އިސްރާއީލާއެކު ސިޔާސީ ގުޅުން ޤާއިމުކުރާނީ ހަމައެކަނި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކޮށްދިނުމުން ކަމަށް ސާފުކޮށް ވިދާޅުވެފައެވެ.
ޓްރަމްޕްގެ ހުށަހެޅުމުގައި ވިދާޅުވެފައިވަނީ ޣައްޒާ ފޭރިގަތުމުގެ މައިގަނޑު މަޤްޞަދަކީ އިޤްތިޞާދީ ފައިދާ ހޯދުން ކަމަށެވެ. އަދި މިކަން ހާސިލުކުރެވޭނީ އެތަނުގައި ދިރިއުޅޭ 2.3 މިލިއަން މީހުން މިޞްރާއި އުރުދުނަށް ބަދަލުކޮށްގެން ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ހުށަހެޅުމަށް ޢަރަބި ޤައުމުތަކުން ވަނީ ވަރަށް ބޮޑަށް އިންކާރުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ "ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް ހުށަހަޅާ ހުރިހާ ހުށަހެޅުމަކާ ދެކޮޅުހަދާނެ،" ކަމަށެވެ. އަދި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމާމެދު އެޤައުމުގެ ސިޔާސަތު ބަދަލެއް ނުކުރާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އެހެންނަމަވެސް، އެމެރިކާގެ ފިއްތުންތަކާއެކު ބައެއް ޢަރަބި ޤައުމުތަކުން މިހާރުވެސް ދަނީ އިސްރާއީލާއެކު ގުޅުން ބަދަހިކުރަމުންނެވެ. މީގެ ތެރޭގައި އެކުވެރި ޢަރަބި އިމާރާތާއި ބަޙްރައިން ހިމެނެއެވެ. މި ދެ ޤައުމުން އިސްރާއީލް ބަލައިގަނެފައިވަނީ 2020 ވަނަ އަހަރު އެކުލަވާލެވުނު އިބްރާހީމް މުޢާހަދާގެ ދަށުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް