ކުޑަކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ނޭދެވޭ އަސަރުކުރުވާ ކަމަށް ބުނެ އެމެރިކާގައި އުފުލާފައިވާ ބޮޑު ދައުވާގެ ޝަރީއަތް ފެށެން ގާތްވެފައިވަނިކޮށް، ސްނެޕްޗެޓްގެ މައި ކުންފުނި ސްނެޕް އިން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
މިއީ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކަށް ދެވިހިފުމާއި، އޭގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެ އެމެރިކާގެ އެތައް ސަތޭކަ އާއިލާތަކަކާއި ކެލިފޯނިއާގެ ސްކޫލް ޑިސްޓްރިކްޓްތަކުން އުފުލި ސިލްސިލާ ދައުވާތަކުގެ ތެރެއިން ޝަރީއަތަކާ ހަމައަށް ދިޔަ ފުރަތަމަ މައްސަލައެވެ. މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކެލިފޯނިއާގެ ކޯޓެއްގައި ފެށުމަށް ހަމަޖެހިފައިއޮތީ މާދަމާއެވެ.
ސްނެޕްއިން ކޯޓުން ބޭރުގައި މައްސަލަ ނިންމާލުމަށް އެއްބަސްވި ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފްސީލު ދެފަރާތުންވެސް އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް، މިއީ އެޕްލިކޭޝަންތަކުގެ ފަރުމާއާއި ސެކިއުރިޓީ ފީޗާތަކާ ގުޅިގެން ސޯޝަލް މީޑިއާ ކުންފުނިތަކާ ދެކޮޅަށް ފެށުނު ޤާނޫނީ ހުރަސްތަކުގައި ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޤާނޫނީ މާހިރުން ދެކެއެވެ.
މި މައްސަލައިގައި ސްނެޕްގެ އިތުރުން މެޓާ (ފޭސްބުކް/އިންސްޓަގްރާމް)، އޭލްފަބެޓް (ޔޫޓިއުބް) އަދި ބައިޓްޑާންސް (ޓިކްޓޮކް) އާ ދެކޮޅަށްވެސް ވަނީ އެއްގޮތް ދައުވާތަކެއް އުފުލާފައެވެ. ސްނެޕްއިން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރި ނަމަވެސް، އަނެއް ކުންފުނިތަކާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތްތައް ކުރިއަށްދާނެއެވެ.





