އިންސާނުންނަށްވުރެ ބޮޓުތަކުން އުފައްދާ އިންޓަނެޓް ޓްރެފިކް އިތުރުވެއްޖެ: ކްލައުޑްފްލޭއާ

އިންޓަނެޓްގެ އިންފްރާސްޓްރަކްޗާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކްލައުޑްފްލޭއާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންސާނުންނަށްވުރެ ބޮޓުތަކާއި އޭއައި އެޖެންޓުން އިންޓަނެޓުގައި އުފައްދާ ޓްރެފިކް މިހާރު ވަނީ އިތުރުވެއްޖެއެވެ.

އެ ކުންފުނީގެ ސީއީއޯ މެތިއު ޕްރިންސް މިކަން ސިފަކުރެއްވީ އިންޓަނެޓްގެ ތާރީޚުގައި އައި ވަރަށް ބޮޑު ބަދަލެއްގެ ގޮތުގައެވެ.

ކްލައުޑްފްލޭއާ ރޭޑާގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، އާންމު ވެބްސައިޓްތަކަށް ލިބޭ ޓްރެފިކްގެ ގާތްގަނޑަކަށް %57 އަކީ އޮޓޮމޭޓެޑް ބޮޓުތަކުން ކުރާ ރިކުއެސްޓްތަކެވެ. މީގެ ބަދަލުގައި އިންސާނުންގެ ހިއްސާއަކީ އެންމެ %43 އެވެ.

މިކަމާ ގުޅިގެން މެތިއު ޕްރިންސް ވިދާޅުވީ، އޮޓޮމޭޓެޑް ޓްރެފިކް އިންސާނުންނަށްވުރެ އިތުރުވާނެ ކަމަށް ކުރިން ލަފާކުރެވުނީ 2027 ވަނަ އަހަރުގައި ކަމަށެވެ. ނަމަވެސް އޭއައި އެޖެންޓުންގެ ކުރިއެރުމާއެކު، އިންޓަނެޓްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޮޓުތަކުގެ ހަރަކާތްތައް އިންސާނުންނަށްވުރެ އިތުރުވެގެން ގޮސްފައިވަނީ ހީކުރި ވަރަށްވުރެ މާ އަވަހަށެވެ.

މި ބަދަލު އައުމުގެ މައިގަނޑު ސަބަބަކީ އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުގެ ބަދަލުގައި މައުލޫމާތު ހޯދައި، ދިރާސާކޮށް، ޕްރޮސެސްކުރާ އޭއައި އެޖެންޓުންނެވެ.

އިންސާނަކު ކަމެއް ދިރާސާކުރުމަށް މަދު ވެބްސައިޓްތަކަކަށް ވަންނައިރު، އޭއައި އެޖެންޓަކަށް އެތައް ހާސް ސޮފްހާއެއް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ސްކޭންކޮށް، މައުލޫމާތު އެއްކުރެވިދާނެއެވެ.

ބޮޓުތަކުގެ ހަރަކާތްތައް އިތުރުވުމަކީ އިންޓަނެޓުގައި އިޝްތިހާރުގެ މައްޗަށް ބިނާވެފައިވާ ވިޔަފާރިތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ސަބަބަކީ ބޮޓުތަކުން އިޝްތިހާރުތަކަށް ކްލިކް ނުކުރާތީއެވެ. މީގެ އިތުރުން، އިންޓަނެޓުގައި ހުރި ބައެއް ބާ މައުލޫމާތުތައް ނެތެމުންދާކަންވެސް ދިރާސާވެރިން ވަނީ ފާހަގަކޮށްފައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް