ރާއްޖޭގައި ދިރިއުޅޭ ޗައިނާ މީހުންނަށް އަމާޒުކޮށްގެން ހިންގާ ސްކޭމްތަކުގެ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

ދިވެހިރާއްޖޭގައި ދިރިއުޅޭ ޗައިނާ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ސްކޭމްތަކުގެ މައްސަލަތައް އިތުރުވެ، މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ، މި ސްކޭމްތައް ހިންގަނީ ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ކަމަށާއި، މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ، ޚާއްސަކޮށް ޗައިނާގެ ރައްޔިތުންނަށް ކަމަށެވެ.

ފުލުހުން ބުނިގޮތުގައި، މަކަރުވެރިން ފުރަތަމަ ގުޅަނީ ދިވެހިރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތްތަކަށެވެ. ޚާއްސަކޮށް ޓެދަރ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ ނުވަތަ ޗައިނީޒް ޔުއާން ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅާ ކަމަށް ފުލުހުން ބުންޏެވެ.

މި ސްކޭމްގައި މަކަރުވެރިޔާ މަސައްކަތްކުރަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުވުމަށެވެ. ބައްދަލުވުމުން ބޭރު ގައުމުގެ މީހާ ނަގުދު ފައިސާ ހަވާލުކުރުމުން، ވިއްކާ ފަރާތުން ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފަރ ކުރެއެވެ. ނަމަވެސް ބޭރު ގައުމުގެ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާނުކުރެއެވެ.

ފުލުހުން ވަނީ މިފަދަ މުއާމަލާތްތަކުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އަދި އެއްވެސް މީހަކާ މާލީ މުޢާމަލާތެއް ކުރާނަމަ، އެމީހަކީ ކާކުކަން ކަށަވަރުކުރުމަށާއި، ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ، ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

މިފަދަ ހުށަހެޅުމެއް ކަމެއް ޝައްކުކުރެވޭ ނަމަ، ފުލުހުންގެ ހިދުމަތުގެ ހޮޓަލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރ 911އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން ވަނީ އެދިފައެވެ.

ނުވަތަ ފުލުހުންނަށް ރިޕޯޓް ކުރުމަށް އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް