ރޮހިންގާ މައްސަލާގެ ހުކުމުގައި ރާއްޖޭގެ ޤާނޫނީ ނުކުތާތަކަށް އައިސީޖޭއިން ރިޢާޔަތްކޮށްފި

ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާއިން ހިންގި ގަތުލުއާންމުގެ މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްވި ތާރީޚީ ހުކުމުގައި، ދިވެހިރާއްޖެއިން ވަކާލާތުކުރި މައިގަނޑު ޤާނޫނީ ނުކުތާތަކަށް ރިޢާޔަތްކޮށްފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.

ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ގޮތުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިޢުލާނުކުރި ޤައުމަކީ ދިވެހިރާއްޖެ ކަމަށެވެ. މި މައްސަލައިގައި ރާއްޖޭގެ އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ހަރަކާތްތެރިވެވަޑައިގެންނެވިއިރު، ރާއްޖެ ތަމްސީލުކުރެއްވީ ބެރިސްޓާ އަދި ޕްރޮފެސާ އަމާލް ކްލޫނީ އާއި ބެރިސްޓާ އަދި ޕްރޮފެސާ ފިލީޕާ ވެބް ކޭސީއެވެ.

ބަންޑާރަނައިބުގެ އޮފީހުން ހާމަކުރި ގޮތުގައި، ދައުލަތެއްގެ ސަރަހައްދުގައި ގަތުލުއާންމު ހިންގައިފި ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ފެންނަ ހިނދުން ފެށިގެން، އެކަން އަވަސް، ހަރުދަނާ، ފުރިހަމަ، މިނިވަން އަދި ހެޔޮ ނިޔަތުގައި ތަހުގީގުކުރަންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ނުކުތާއަށް ދަ ގެމްބިއާއިން ތާއީދުކޮށްފައިވާކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އަދި ގަތުލުއާންމު ހިންގި ފަރާތްތަކުގެ ޝަރީޢަތްތައް ހިންގަންވާނީ އިންސާފުވެރި ޝަރީޢަތެއްގައި ހުންނަންޖެހޭ އެންމެހައި ސިފަތައް ހުރި ގޮތަށް ކަމަށާއި، ކަނޑައަޅާ އަދަބަކީ ކުށުގެ ކުޑަބޮޑުމިނާ އެކަށީގެންވާ، ކުރިމަގުގައި އެފަދަ ޢަމަލުތައް ހުއްޓުވުމަށް ބާރުއަޅާ އަދަބަކަށް ވާންޖެހޭނެ ކަމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުމަށް ވެސް ކޯޓުން ވަނީ ތާއީދުކޮށްފައެވެ. މީގެ އިތުރުން، މިފަދަ ޖަރީމާ ހިންގާ ހުރިހާ ފަރާތްތަކެއްގެ މައްޗަށް ދައުވާކޮށް އަދަބު ދެވޭނެ ޤާނޫނީ އޮނިގަނޑުތައް ޤައުމުތަކުން ޤާއިމުކުރަންޖެހޭނެ ކަމަށް ރާއްޖެއިން ބާރުއެޅި ނުކުތާއަށް ވެސް ހުކުމުގައި ރިޢާޔަތްކޮށްފައިވެއެވެ.

ހުކުމާ ގުޅިގެން ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރާއްޖެއިން މި މައްސަލައަށް ތަދައްޚުލުވީ ގަތުލުއާންމު ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދޫވެގެން ދިއުމާ ދެކޮޅުހަދައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

"ރޮހިންގާ ދަރިކޮޅުގެ މީހުންނަށް އިންސާފު ލިބެންޖެހޭ ކަމަށާއި، ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ ފަރާތްތައް ވެސް ހިމެނޭހެން މިކަމުގައި ޒިންމާވާ އެންމެހައި ފަރާތްތަކުގެ މައްސަލަ މިޔަންމާއިން ވަގުތުން ތަހުގީގުކޮށް، ދައުވާކޮށް، އެފަރާތްތަކަށް އަދަބު ދޭންޖެހޭނެ ކަމަށް އައިސީޖޭއިން ކަނޑައެޅުއްވި ކަނޑައެޅުއްވުމަށް ދިވެހިރާއްޖެއިން މަރުހަބާ ކިޔަން،" ބަންޑާރަނައިބު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައާއި، ބޮޑެތި ޖަރީމާތަކަށް އިންސާފު ހޯދައިދިނުމުގައި ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

ރޮހިންގާ ދަރިކޮޅު ނައްތާލުމުގެ ނިޔަތުގައި މިޔަންމާއިން ޢަމަލުކޮށްފައިވާ ކަމަށް އައިސީޖޭއިން ކަނޑައެޅީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިއީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ މިޔަންމާއިން ޚިލާފުވެފައިވާ ކަމަށް ބުނެ، 11 ނޮވެމްބަރު 2019 ގައި ދަ ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. މިޔަންމާ އަސްކަރިއްޔާއިން ބުނަމުން ދިޔައީ އެއީ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ "އާސާ" އިން ދިން ހަމަލާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް ކޯޓުން ވަނީ އެ ވާހަކަ ބޭރުކޮށްލާފައެވެ. ހުކުމް އިއްވަވަމުން އައިސީޖޭގެ ރައީސް ޔޫޖީ އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންގާ ދަރިކޮޅުގެ 10،000 އެއްހާ މީހުން މަރާލައި، ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް އަނިޔާދީފައިވާކަން ސާބިތުވާ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް