ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރާމަﷲ އާއި އަލް-ބީރު ސަރަހައްދުގެ ތިން އަވަށަކަށް ޔަހޫދީ ވަޒަންވެރިން ހަމަލާދީ، ފަލަސްތީނުގެ ރައްޔިތުންގެ ކާރުތަކާއި އުޅަނދުތަކުގައި ހުޅުޖަހައިފިއެވެ.
ހަމަލާތައް ދީފައިވަނީ ކަފްރު މާލިކް، ދީރު އަބޫ މަޝްޢަލް އަދި ދީރުލް ސޫދާން އަވަށުގައެވެ. މި ހަމަލާތައް ދޭން ފަށާފައިވަނީ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ދަންވަރު ކަމަށާއި، ރައްޔިތުންގެ މުދަލަށް ވަނީ ގެއްލުން ލިބިފައެވެ.
ޕަލަސްޓީނިއަން ވޯލް އެންޑް ސެޓްލްމަންޓް ކޮމިޝަނުން ބުނީ، ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، އޮކްޓޯބަރު މަހު ހުޅަނގު އައްސޭރީގައި ދިން ހަމަލާގެ އަދަދު 53 އިންސައްތައިން އިތުރުވެފައިވާ ކަމަށެވެ. ސެޕްޓެމްބަރު މަހު 2،051 ހަމަލާ ދީފައިވާއިރު، އޮކްޓޯބަރު މަހު 3،133 ހަމަލާ ދީފައިވެއެވެ.
އޮކްޓޯބަރު މަހު ދިން ހަމަލާތަކުގެ ތެރެއިން 1،764 ހަމަލާ ދީފައިވަނީ ޔަހޫދީ ސަލާމަތީ ބާރުތަކުން ކަމަށާއި، 1،369 ހަމަލާ ދީފައިވަނީ ވަޒަންވެރިން ކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.
ވަޒަންވެރިން މި ފަދަ ހަމަލާތައް ދެނީ ޔަހޫދީ ސަލާމަތީ ބާރުތަކުގެ ހިމާޔަތުގެ ދަށުގައެވެ. ހުޅަނގު އައްސޭރީއާއި ގުދުސްގެ އެކި ހިސާބުތަކުގައި ޤާނޫނާ ޚިލާފަށް ހަދާފައިވާ 156 ޔަހޫދީ އާބާދީއެއްގައި 750،000 އަށްވުރެ ގިނަ ޔަހޫދީން ވަޒަންވެރިކޮށްފައިވެއެވެ.





