އީރާނުން ބަހްރައިނަށް ދިން ހަމަލާއެއް ސިނާއީ މަރުކަޒަކަށް އަރައި އަލިފާން ރޯވެއްޖެ

ބަހްރައިނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާ ދިން ވަގުތު، އޭގެ ތެރެއިން ހަމަލާއެއް އެ ޤައުމުގެ އާންމުންގެ ސިނާއީ މަރުކަޒަކަށް އަރައި އަލިފާން ރޯވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބަހްރައިނުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ރޯވި އަލިފާން ކޮންޓްރޯލްކުރުމަށް ސިވިލް ޑިފެންސްގެ ޓީމުތަކުން މަސައްކަތްކުރި ކަމަށް ބަހްރައިނުގެ ދާޚިލީ ވުޒާރާއިން "އެކްސް"ގައި ހާމަކުރި ނަމަވެސް، ހަމަލާ އަމާޒުވީ ކޮން ސަރަހައްދަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ބަހްރައިނުގެ ޑިފެންސް ފޯސްއިން ބުނީ، އީރާނުން ވައިގެ މަގުން ދިން ގިނަ ހަމަލާތަކެއް އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށެވެ. ހުއްޓުވި ހަމަލާތަކުގެ ބައިތައް ވެއްޓިގެން ބައެއް ގެއްލުންތައް ލިބިފައިވީ ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަން ޑިފެންސް ފޯސްއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ހަމަލާ އަމާޒުވުމުގެ ކުރިން ބަހްރައިނުގައި ވައިގެ ހަމަލާގެ ސައިރަން އެޅުނެވެ. ރައްޔިތުން އެންމެ ކައިރީގައިވާ ރައްކާތެރި ތަނަކަށް ދިއުމަށް އިލްތިމާސްކޮށް ދާޚިލީ ވުޒާރާއިން އިންޒާރެއް ނެރުނު ނަމަވެސް، ފަހުން ނުރައްކާ ފިލައިގޮސްފައިވާކަން އަންގައި ދެވަނަ އެލާޓެއް ވަނީ ފޮނުވާފައެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނީ، ބަހްރައިނުގެ އަލްރިފާ އަދި އަވާލީ ބޭސްތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އެމެރިކާގެ ޑްރޯންތައް އީރާނުގެ ވައިގެ ސަރަހައްދަށް ވަދެގަތުމުގެ ބަދަލު ހިފުމުގެ ގޮތުން މި ހަމަލާތައް ދިން ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.

ބަހްރައިނަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓް ހުންނަ ޤައުމެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް