ހޯމަ ދުވަހުގެ މެންދުރުފަހު އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެކި ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.
އޭގެ ތެރޭގައި، ފެބްރުއަރީ 28 ގައި ވައިގެ ހަމަލާތައް ދޭން ފެށިއިރު، އީރާނުގެ ވެރިކަން ބަދަލުކުރުމަކީ އެމެރިކާގެ އަސްލު މަގްސަދެއް ނޫން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، މިހާރު އީރާނުގެ ވެރިކަން ބަދަލުވެފައިވާ ކަމަށާއި، މިހާރު އެގައުމު ހިންގަން ތިބީ އެމެރިކާއަށް ގުޅިގެން މަސައްކަތް ކުރެވޭނެ ބައެއް ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވިއެވެ.
އެހެންނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އީރާނުން އަންނަނީ ބުނަމުންނެވެ.
މީގެ އިތުރުން، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް 15 ނުވަތަ 20 އަހަރަށް ފަހަތަށް ޖެހިފައިވާ ކަމަށް އެމެރިކާއިން ގަބޫލުކުރާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަމާ ގުޅޭ އެއްވެސް ހެއްކެއް އެމަނިކުފާނު ހުށަހަޅުއްވާފައެއް ނުވެއެވެ.
އެހެންނަމަވެސް، އީރާނުގެ އަތުގައި ހުރި 600 ކިލޯގްރާމަށްވުރެ ގިނަ "އެންރިޗްޑް ޔުރޭނިއަމް" ނުވަތަ މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވްއަށް ވާނެ ގޮތަކާ ބެހޭގޮތުން ޓްރަމްޕް އެއްވެސް ވާހަކަފުޅެއް ނުދައްކަވައެވެ.
އެ ތަކެތީގެ ކޮންޓްރޯލް ނަގާނީ ކޮން ބައެއްތޯ؟ އެ ތަކެތި އީރާނުގެ ބިމުން ބޭރުކުރާނީތޯ؟ އަދި އެ ރިޒާވް ރައްކާތެރިކުރުމަށް ދެން ކުރަންޖެހޭނީ ކޮން ކަމެއްތޯ؟ މީގެ މާނައަކީ އެމެރިކާގެ އެއްގަމު ސިފައިން އެގައުމަށް އަރަނީތޯ؟ މިއީ ވެސް ޓްރަމްޕްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައި ނުވާ މުހިންމު ސުވާލުތަކެކެވެ.





