އިސްރާއީލަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި އީރާނާ ދެކޮޅަށް ހަމަލާތައް ދިނުމަށް ރޭވިކަމުގެ ތުހުމަތުގައި، އެ ގައުމުގެ ސަލާމަތީ ބާރުތަކުން 54 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އީރާނުގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފިއެވެ
އީރާނުގެ އިންޓެލިޖެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ވެރިރަށް ތެހެރާނުން ހައްޔަރުކުރި 41 މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ، އެމެރިކާއާއި އިސްރާއީލުން ހަމަލާދީފައިވާ ތަންތަނުގެ ފޮޓޯ ނަގައި "ޒަޔަނިސްޓު މީޑިއާ މަރުކަޒުތަކަށް" ފޮނުވުމެވެ.
މީގެ އިތުރުން ރައްކާތެރިކަން ވަރުގަދަކޮށްފައިވާ ހައްސާސީ ސަރަހައްދުތަކުގެ މަޢުލޫމާތު ހިއްސާކުރުމުގެ ތުހުމަތުވެސް އެމީހުންގެ މައްޗަށް ވަނީ ކުރެވިފައެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ހައްޔަރުކުރެވުނު އެހެން މީހުންނަކީ އެމެރިކާއާއި އިސްރާއީލަށް ވާގިވެރިވުމުގެ ގޮތުން ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވި މީހުންނެވެ.
ޖާސޫސްކުރުމުގެ ތުހުމަތުގައި ފާއިތުވި މަސްތަކުގައި އީރާނުން ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.
އީރާނުގެ ޝަރުޢީ ދާއިރާގެ ތަރުޖަމާނަކު މިއަދު ވިދާޅުވި ގޮތުގައި، އެ ގައުމުގެ ޖާސޫސީ ކަންކަމާ ގުޅޭ ގާނޫނަށް ގެނެވުނު ބަދަލުތަކާއެކު، އެމެރިކާ ނުވަތަ އިސްރާއީލަށް އެއްވެސް ބާވަތެއްގެ މަޢުލޫމާތެއް ފޯރުކޮށްދިނުމަކީ މަރުގެ އަދަބު ދެވިދާނެ ކުށެކެވެ.





