އީރާނާއެކު ހަނގުރާމަ ފެށުނު ފަހުން، ޔަމަނުގެ ހޫތީން ފުރަތަމަ ފަހަރަށް އިސްރާއީލަށް އަމާޒުކޮށް ހޮނިހިރު ދުވަހު މިސައިލް ހަމަލާތަކެއް ފޮނުވާލައިފިއެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށެވެ.
"އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުރި އިސްރާއީލުގެ ނާޒުކު އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ފުރަތަމަ އަސްކަރީ އޮޕަރޭޝަން އަޅުގަނޑުމެން މިވަނީ ހިންގާފައި،" ސަރީޢު ވިދާޅުވިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ޔަމަނުން ފޮނުވާލި މިސައިލެއް ފާހަގަކުރެވިފައިވާ ކަމަށާއި، އެ ނުރައްކަލުން ދިފާއުވުމަށް އެގައުމުގެ ވައިގެ ދިފާއީ ނިޒާމުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ. މި ހަމަލާގައި އިސްރާއީލަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
މި ހަފުތާގެ ކުރީކޮޅު ހޫތީން ވަނީ، އެމީހުންގެ ބައިވެރިޔާ އީރާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ އަދި އެހެން ގައުމުތަކުން އެމެރިކާއާއި އިސްރާއީލާ ގުޅިއްޖެނަމަ ހަނގުރާމައިގައި ބައިވެރިވާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ރަތްކަނޑު "ޢަދާވާތްތެރި އޮޕަރޭޝަންތަކަށް" ބޭނުންކުރުމާ ދެކޮޅަށްވެސް އެ ޖަމާއަތުން ވަނީ އިންޒާރު ދީފައެވެ.
ސަރީޢު އިތުރަށް ވިދާޅުވީ، ހޮނިހިރު ދުވަހުގެ ހަމަލާތަކަކީ އީރާނަށާއި، ލުުބުނާނާއި އިރާގު އަދި ފަލަސްތީނުގެ މުގާވަމާ (ރެސިސްޓެންސް) ފްރަންޓްތަކަށް ތާއީދުކުރުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.
އަދި މުގާވަމާގެ ހުރިހާ ފްރަންޓްތަކަކަށް ދެމުންދާ ހަމަލާތައް ހުއްޓާލަންދެން އެމީހުންގެ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުން ޣައްޒާގައި ގަތުލުއާންމު ހިންގަން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ހޫތީން ވަނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމުގެ ގޮތުން ރަތްކަނޑުން ދަތުރުކުރާ އާގުބޯޓުތަކަށް ހަމަލާދީ ހަނގުރާމައިގައި ބައިވެރިވާން ފަށާފައެވެ.




