އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އިންޒާރު ދެއްވުމާ ގުޅިގެން، މެދުއިރުމަތީގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ.
ޓްރަމްޕް މި އިންޒާރު ދެއްވީ، އީރާނުން ހޯރްމުޒް ކަނޑުއޮޅި ނުހުޅުވައިފި ނަމައެވެ.
އާދީއްތަ ދުވަހު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާދީފި ނަމަ، އެ ސަރަހައްދުގެ މުހިންމު އުމްރާނީ ވަސީލަތްތަކާއި ހަކަތަ އުފައްދާ ތަންތަން އަލުން އިއާދަނުކުރެވޭ ވަރަށް ސުންނާފަތި ކޮށްލާނެ ކަމަށެވެ.
"އަހަރެމެންގެ ގައުމުގެ އިންޖީނުގެތަކާއި އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭ ވަގުތުން ފެށިގެން، މުޅި ސަރަހައްދުގައި ހުރި މުހިންމު ވަސީލަތްތަކާއި، ހަކަތައާއި ތެލުގެ އުމްރާނީ ވަސީލަތްތަކަކީ ހަމަލާދެވިދާނެ ސައްހަ އަމާޒުފަތްތަކެއް ކަމުގައި ބެލެވޭނެ. އަދި އެ ތަންތަން އިއާދަނުކުރެވޭ ވަރަށް ހަލާކުކޮށްލެވޭނެ،" ގާލީބާފް ވިދާޅުވިއެވެ.
ގާލީބާފް މިހެން ވިދާޅުވީ، 48 ގަޑިއިރުގެ ތެރޭގައި ހޯރްމުޒް ކަނޑުއޮޅި ނުހުޅުވައިފި ނަމަ އީރާނުގެ އިންޖީނުގެތައް "ފުނޑުފުނޑުކޮށްލާނެ" ކަމަށް ހޮނިހިރު ދުވަހު ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
ގާލީބާފް އިތުރަށް ވިދާޅުވީ، އީރާނުގެ ތަންތަނަށް ހަމަލާދީފި ނަމަ ސަރަހައްދީ ވަސީލަތްތަކަކީ "ޝަރުޢީ އަމާޒުފަތްތަކަކަށް" ވެގެންދާނެ ކަމަށާއި، އީރާނުން ދޭ ބަދަލު ހިފުމުގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ގިނަ ދުވަހަށް އުފުލިގެންދާނެ ކަމަށެވެ.
އީރާނުގެ އެލީޓް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ވެސް ވަނީ، އީރާނުގެ ހަކަތަ އުފައްދާ ތަންތަނަށް ހަމަލާދިނުމުގެ އިންޒާރު ޓްރަމްޕް ތަންފީޒު ކުރައްވައިފި ނަމަ، ހޯރްމުޒް ކަނޑުއޮޅި މުޅިން ބަންދުކޮށްލާނެ ކަމަށް ބުނެފައެވެ.
އައި.އާރު.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ހިއްސާ އޮންނަ ކުންފުނިތައް "މުޅިން ސުންނާފަތި" ކޮށްލާނެ ކަމަށެވެ. އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގައުމުތަކުގައި ހުރި ހަކަތަ އުފައްދާ ވަސީލަތްތަކަކީ ހަމަލާދިނުން ހުއްދަ "ޝަރުޢީ" އަމާޒުފަތްތަކެއް ކަމުގައި ބެލެވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.




