އެމެރިކަގެ އެންމެ ބޮޑު އެއާލައިން، "ޔުނައިޓެޑް އެއާލައިންސް"އިން ތެޔޮ ފީފާއެއްގެ އަގު 175 ޑޮލަރަށް އުފުލިދާނެ ކަމަށް ބަލައި ތައްޔާރުވަމުން އަންނަކަން ހާމަކޮށްފި އެވެ.
ޔުނައިޓެޑް އެއާލައިންސްގެ ޗީފް އެގްޒެކެޓިވް، ސްކޮޓް ކާބީ، އެ ކުންފުނީގެ މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ވިދާޅުވީ، 2027 ވަނަ އަހަރުގެ ނިޔަލަށް ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށް ވުރެ މަތީގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެލުގެ އަގު ފީފާއަކަށް 175 ޑޮލަރަށް އުފުލިގެން ހިނގައިދާނެ ކަމަށް ބަލައި، އެ އެއާލައިނުން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ގާތްގަނޑަކަށް ދެގުނަ ބޮޑުވެފައިވާއިރު، މިގޮތަށް އަގުތައް މަތީގައި ހިފެހެއްޓިފައި ހުރެއްޖެނަމަ، ޔުނައިޓެޑް އެއާލައިންސުން ތެލަށް ކުރާ އަހަރީ ހޭދަ 11 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
ކާބީ އިތުރަށް ވިދާޅުވީ، ފައިދާ ކުޑަ ދަތުރުތައް މަދުކުރުމަށް އެއާލައިނުން ރާވަމުންދާ ކަމަށާއި، އަދި ތަލް އަވީވް އާއި ދުބާއީއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން އެގޮތުގައި ދަމަހައްޓާނެ ކަމަށެވެ.




