އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރިއަށް ގެންދާ ހަނގުރާމާގައި ބޭނުންކުރަމުން އަންނަ އެމެރިކާގެ އެންމެ ބޮޑު އެއާ ކްރާފްޓް ކެރިއަރު، ޔޫ.އެސް.އެސް ޖެރަލްޑް އާރް. ފޯޑް ގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ނަމަވެސް މި ހާދިސާ އަކީ ސީދާ ހަނގުރާމައިގެ ތެރޭގައި ލިބުނު ގެއްލުމެއްކަން ޔަގީނެއް ނުވެ އެވެ. އެމެރިކާގެ އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުން މިދިޔަ ހަފުތާގައި މަނަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ އޭގެ ލޯންޑްރީ ކޮޓަރިއެއްގަ އެވެ.
އެ ހާދިސާގައި 100 އަށް ވުރެ ގިނަ އެނދަށް ގެއްލުން ލިބި 200 އެއްހާ ފަޅުވެރިންނަށް އަލިފާނާއި ދުމުގެ އަސަރުކޮށްގެން ފަރުވާ ދީފައިވެ އެވެ.
އަލިފާނުގެ މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް މަރާމާތުކުރުމަށާއި ބޭނުންވާ ތަކެތި ހޯދުމަށް، ޔޫ.އެސް.އެސް ޖެރަލްޑް އާރް. ފޯޑް މިހާރު ވަނީ އަނބުރާ މެޑިޓަރޭނިއަން ކަނޑަށް ދަތުރުކުރަން ފަށައިފަ އެވެ. މި މަނަވަރަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު އަދި އެންމެ އައު އެއަރކްރާފްޓް ކެރިއަރެވެ.
މިވަގުތު ރަތްކަނޑުގައި ހަރަކާތްތެރިވަމުންދާ މި މަނަވަރު އެ ސަރަހައްދު ދޫކޮށް ދިއުމުން، އިރާނާ ދެކޮޅަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހިންގާ އޮޕަރޭޝަންތަކުގައި ބޭނުންކުރަން އޮންނާނީ އެންމެ އެއަރކްރާފްޓް ކެރިއަރެކެވެ.




