ދުބާއީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (އޭޕީ) — އިރާނުގެ އެންމެ މުހިންމު އެއް ގޭސް ފީލްޑަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، ގަލްފުގެ އަރަބި ގައުމުތަކުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އިރާނުން ބުރާސްފަތި ދުވަހު ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ގަތަރުގެ މައި ގޭސް ކާރުހާނާ، އެލް.އެން.ޖީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ، މިއީ މެދުއިރުމަތީގެ ހަނގުރާމަ އިތުރަށް ވަރުގަދަވެ، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށްއުފުލިދާނެކަމެކެވެ.
ދުނިޔޭގެ ބާޒާރަށް ގުދުރަތީ ގޭސް ފޯރުކޮށްދޭ މައިގަނޑު އެއް ގައުމު ކަމަށްވާ ގަތަރުން ބުނި ގޮތުގައި، އިރާނުގެ މިސައިލް ހަމަލާތަކާ ގުޅިގެން އެ ގައުމުގެ މައި އެލް.އެން.ޖީ ފެސިލިޓީއެއްގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. ކުރިން ދިން ހަމަލާތަކާ ގުޅިގެން އެތަނުގެ މަސައްކަތްތައް މެދުކަނޑާލާފައި އޮތް ނަމަވެސް، ފަހުން ދިން މިސައިލް ހަމަލާތަކުގެ ސަބަބުން "ބޮޑެތި ރޯވުންތަކަކާއި ބޮޑެތި ގެއްލުންތަކެއް" ލިބިފައިވާ ކަމަށް އެ ގައުމުން ބުނެއެވެ.
މި ފެސިލިޓީއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، އިރާން ހަނގުރާމަ ނިމުމަކަށް އައި ކަމުގައިވިޔަސް، ބައިނަލްއަގުވާމީ ބާޒާރަށް ގޭސް ސަޕްލައި ކުރުމުގައި ގަތަރަށް ބޮޑެތި ލަސްތަކަކާ ކުރިމަތިލާން ޖެހިދާނެއެވެ.
ގަތަރަށް ދިން ހަމަލާ ކުށްވެރިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެފަދަ ދެ ވަނަ ހަމަލާއެއް އީރާނުން ގަތަރަށް ދީފި ނަމަ އީރާނުގެ ތެލާއި ގޭހުގެ މުއްސަނދިކަމަށް ބޮން އަޅައި އަޅިޔަށް ހަދާލާނެ ކަމަށެވެ. އަދި އީރާނުގެ ގޭސް ކާރުހާނާއަކަށް އިޒްރޭލުން ހަމަލާ ދިނީ އެމެރިކާ އަށް ނޭނގި ކަމަށާއި އެފަދަ ހަމަލާއެއް ދެން އިޒްރޭލުން ތަކުރާރުނުކުރާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.
އީރާނުގެ ހަމަލާތަކެއް ސައޫދީގެ ތެލާއި ގޭހުގެ މަރުކަޒުތަކަކަށް ވެސް އަމާޒުކޮށްފައިވާއިރު އަބޫދާބީ އަށް ވެސް ވަނީ ނުރައްކާ ބޮޑުވެފަ އެވެ. އަބޫދާބީގެ ހަބްޝާން ގޭސް ފެސިލިޓީއާއި ބާބް ފީލްޑްގެ އޮޕަރޭޝަންތައް ހުއްޓާލުމަށް މިހާރު ވަނީ މަޖުބޫރުވެފައެވެ.




