އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ނުފޫޒުގަދަ ސެކްރެޓަރީ އަލީ ލަރީޖާނީ އަވަހާރަކޮށްލި ނަމަވެސް، އީރާނުގެ ވެރިކަމުގެ ނިޒާމު އޭގެ ގޮތުގައި ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ދެއްވައިފި އެވެ.
ލަރީޖާނީ އަވަހާރަވިކަން ކަށަވަރުކޮށްދިނުމާ ގުޅިގެން، އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، އީރާނުގެ ސަރުކާރަކީ ވަކި ފަރުދެއްގެ މައްޗަށް ބިނާވެފައިވާ ސަރުކާރެއް ނޫންކަން އެމެރިކާއާއި އިޒްރޭލަށް އަދިވެސް ގަބޫލުނުކުރެވޭ ކަމަށެވެ.
"އެމެރިކާއާއި އިސްރާއީލަށް މިކަން އަދިވެސް ފަހުމްނުވަނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގެ. އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަކީ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ވަރުގަދަ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ސިޔާސީ އޮނިގަނޑެއް އޮތް ގައުމެއް،" އަރަގްޗީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ވަކި މީހަކު ހުރުމަކުން ނުވަތަ ނެތުމަކުން މި ދެންނެވި ވަރުގަދަ އޮނިގަނޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
"އެއްވެސް ޝައްކެއްނެތް ގޮތުގައި ކޮންމެ މީހަކީވެސް ނުފޫޒުގަދަ، އެމީހެއްގެ ދައުރު އަދާކުރާނެ މީހެއް. ނަމަވެސް އެންމެ މުހިންމު ކަމަކީ އީރާނުގެ ސިޔާސީ ނިޒާމަކީ ވަރަށް ވަރުގަދަ ބިންގަލެއްގެ މައްޗަށް ގާއިމުވެފައިވާ ނިޒާމަކަށް ވުން،" އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ދިން މި ހަނގުރާމައިގެ ފުރަތަމަ ހަމަލާތަކުގައި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށް އިޝާރާތްކުރައްވަމުން އަރަގްޗީ ވިދާޅުވީ، އެއީ ގައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ނަމަވެސް، ގައުމުގެ ނިޒާމު ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ.
އުމުރުފުޅުން 67 އަހަރުގެ ލަރީޖާނީ އަކީ އަވަހާރަކޮށްލާފައިވާ އަލީ ޚާމަނާއީ އާއި އީރާނުގެ ރޫހާނީ ލީޑަރަކަށް މިހާރު އައްޔަންކޮށްފައިވާ މުޖުތަބާ ޚާމަނާއީގެ އެންމެ އަރިސް އެއް މުޝީރެވެ. ހޯމަ ދުވަހުގެ ރޭ ދިން ހަމަލާގައި އޭނާ އަވަހާރަކޮށްލުމަކީ، މީގެ 19 ދުވަސް ކުރިން ހަނގުރާމަ ފެށުނު ފަހުން އީރާނުގެ ލީޑަރޝިޕުން އަވަހާރަކޮށްލި އެންމެ އިސް ފަރާތެވެ.




