އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ދަތުކުރަމުންދާ، ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަހައްދުން ހިފެހެއްޓުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.
ޔަހޫދީ ދައުލަތުގެ މި ޢަމަލު ރައީސް ކުށްވެރިކުރެއްވީ، މީސް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
އެ އުޅަނދުތައް، ޣައްޒާ ކައިރީގައި އިސްރާއީލުގެ ކަނޑުގެ ސިފައިންގެ ބޯޓުތައް ހަރަކާތްތެރިވާ ސަރަހައްދާ ކައިރިވުމުން، އިސްރާއީލު ސިފައިން ވަނީ ބޯޓުތައް ހުއްޓުވަން ފަށައިފައެވެ. އެ ހަރަކާތް އިންތިޒާމު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުން ވަނީ މިހާތަނަށް، 200އަށް ވުރެ ގިނަ މީހުން ތިބި 13 އުޅަނދެއް ހުއްޓުވައިފައެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އިސްރާއީލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ގްލޯބަލް ސުމޫދު ފްލޮޓިލާގެ އުޅަނދުތައް ހުއްޓުވުން ކުށްވެރިކުރައްވާ ކަމަށެވެ. އެއީ އެއްވެސް ހަތިޔާރަކާ ނުލައި، ޣައްޒާއަށް ޒަރޫރީ އެހީ ގެންދާ އާންމުން ތިބި އުޅަނދުތަކެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްރާއީލުން އެފަދަ ގޮތަކަށް ބިރު ދެއްކުން ބަލައިނުގަނެވޭ ކަމަށާއި އެކަމަށް ރުހިގެން ތިބެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިނިވަންކަމާއި އަސާސީ ވަސީލަތްތަކުން މަހުރޫމު ކޮށްފައިވާ އާބާދީއަކަށް އެހީ ފޯރުކޮށްދޭން ދާ ބަޔަކަށް ހުރަސްއެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނިއްޔަތާ ވެސް ޚިލާފު އަމަލެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ސުމޫދު ފްލޮޓިލާގެ ދަތުރުފެށީ މިދިޔަ އޮގަސްޓު މަހު ކަމަށްވާއިރު، އޭގެ ތެރޭގައި 40 އުޅަނދެއްގައި ދަތުރުކުރާ 500 މީހުން މީހުން ހިމެނެއެވެ. އެގޮތުން 44 ގައުމެއްގެ މީހުން ތިބިއިރު، އޭގެ ތެރޭގައި ދިވެއްސެއް ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




