ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާ (މުޢާހަދާ) ގެ ދަށުން، 2018 ވަނަ އަހަރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އިނީޝަލް ރިޕޯޓު އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސްއިން ރިވިއުކުރުމަށްޓަކައި 20 އޮގަސްޓު 2025 ގައި ބޭއްވި ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
5 އެޕްރީލް 2010 ގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މި މުޢާހަދާގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އިނީޝަލް ރިޕޯޓުގައި، އެ މުޢާހަދާގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކަށަވަރުކޮށްދޭ ޙައްޤުތައް އެގޮތަށް ލިބިދިނުމަށްޓަކައި، 2010 އިން 2018 ގެ ނިޔަލަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނާފައިވެއެވެ. އަދި އެ ރިޕޯޓާ ގުޅިގެން ކޮމިޓީން 2022 ގައި ފޮނުއްވި ސުވާލުތަކަށް ދިވެހިރާއްޖެއިން ވަނީ އެޕްރީލް 2023 ގައި ޖަވާބު ހުށަހަޅާފައެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ރިވިއުގައި، މުޢާހަދާ ތަންފީޛުކުރުމަށް ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހިރާއްޖޭގެ ވަފުދުން ވަނީ ޖަވާބުދާރީވެފައެވެ.
ރިވިއު ފެއްޓެވުމުގެ ގޮތުން ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ދެއްކެވި ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަކީ އިންސާނީ ކަރާމާތާ ގުޅިލާމެހިފައިވާ ޙައްޤުތަކެއް ކަމަށާއި، އެއީ ހަމަހަމަ ފުރުޞަތުތަކާއި، ފުރިހަމަ ބައިވެރިވުމާއި، ފުރިހަމަ ޤާބިލުކަމަށް ހުރަސްއަޅާ ކޮންމެ ހުރަހެއް ނައްތާލުމަށް ބާރުއަޅާ ޙައްޤުތަކެއްކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖެއިން ސިޔާސަތުތައް އެކުލަވާލުމުގައި މިހާރު ގެންގުޅޭ އުސޫލަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ މައްސަލަތައް ވަކިވަކިން އެކަހެރިކޮށް ޙައްލުކުރުމުގެ ބަދަލުގައި، ހުރިހާ ދާއިރާއަކުން ޤައުމީ ފެންވަރުގައި އެކުލަވާލައި މައިގަނޑު ސްޓްރެޓެޖީތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް ވަށާޖެހޭ ޙައްލުތަކެއް ހިމެނުންކަމަށް ވިދާޅުވެފައިވެއެވެ.
މި ރިވިއުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، އެޓަރނީ ޖެނެރަލްގެ އޮފީހާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ހެލްތާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކަމާބެހޭ ބޭފުޅުންނެވެ. އަދި މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ބަންޑާރަ ނައިބު އަލްއުސްތާޛު އަޙްމަދު އުޝާމްއެވެ.
މި ރިވިއު ސެޝަނަށްފަހު، ދިވެހިރާއްޖެއިން ހުށަހެޅި ރިޕޯޓާއި، ރިވިއު ސެޝަންގައި ދިވެހިރާއްޖެއިން ކޮމިޓީއާ ޙިއްސާކުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިންގ އޮބްސަރވޭޝަންތަކާއި ރިކޮމެންޑޭޝަންތައް އެޑޮޕްޓް ކުރެއްވުމަށް ހަމަޖެހިފައިވަނީ 25 އޮގަސްޓު 2025 ގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް