ފަލަސްތީނުގެ ޣައްޒާއަށް އެހީގެ ސާމާނާއި ޚިދުމަތްތެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ މަނަވަރަކަށް ޑްރޯން ބޭނުންކޮށްގެން ޙަމަލާދީފައިވާ ކަމަށް، ޣައްޒާއަށް އެހީ ވެއްދުމަށް ޔަހޫދީންގެ ނިރުބަވެރި ދަޢުލަތުން އަޅާފައިވާ ލާއިންސާނީ ހުރަސްތަކާ ދެކޮޅަށް ވަކާލާތުކުރާ ބައިނަލްއަޤުވާމީ މަދަނީ ޖަމިޢިއްޔާއަކުން ބުނެފިއެވެ.
އެގޮތުން ހަމަލާދީފައިވަނީ "ދަ ފްރީޑަމް ފްލޮޓިލާ ކޮއަލިޝަން"ގެ މަނަވަރެއްގައެވެ. އެ މަނަވަރުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިޔޯއެއް އެ ޖަމްޢިއްޔާއިން ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާއިރު، އެ ޙަމަލާގެ ފަހަތުގައި ތިބި ބަޔަކު އަދި އެ މަނަވަރުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް ސާފެއްނޫނެވެ.
މަޢުލޫމާތު ލިބޭގޮތުގައި، އެ ޑްރޯން ޙަމަލާ އަމާޒުކޮށްފައިވަނީ ސީދާ އެ މަނަވަރުގެ ޖަނަރޭޓަރަށެވެ. އަދި 30 މީހުންނާއެކު ދަތުރުކުރާ އެ އުޅަނދު މިހާރު އަޑިއަށް ދިޔުމުގެ ފުރުޞަތު ބޮޑުވެފައިވާކަމަށާއި، އެ އުޅަނދުން އެހީއަށް އެދިފައިވަނީ މޯލްޓާގެ އިރުން 31 ކިލޯމީޓަރު ބޭރުން ކަމަށާއި، ސައިޕްރަސްއިން އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އުޅަނދެއް ފޮނުވާފައިވާ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
މަނަވަރަށް ޙަމަލާދިން ވަގުތު އެ އުޅަނދު އޮތީ، ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދުގައި ކަމަށް ވެސް އެ ޖަމްޢިއްޔާއިން ވަނީ ބުނެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގެ މުސްލިމުން ނަސްލު ނައްތާލައި އެ ޤައުމު ހިޞާރުކުރުމަށް ޢުދުވާނީ ޙަމަލާތައް ކެނޑިނޭޅި، މެދުނުކެނޑި ދެމުންދާއިރު، މި އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޤާއިމު ކުރި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ދެ ފަރާތުން ޙަމަލާ ބަދަލު ކުރުން ހުއްޓާލައި, ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް ވަނީ ފުރުޞަތުވެސް ދީފައެވެ.
އެހެންނަމަވެސް، ވެވުނު އެއްބަސްވުމާ ޚިލާފަށް މާރިޗު މަހުގެ 2 ވަނަ ދުވަހު ޔަހޫދީން އަނެއްކާ ވެސް ވަނީ ޣައްޒާއަށް ސާމާނު އެތެރެ ކުރުމަށް ހުރަސް އަޅައި ޢައްޒާގެ ރައްޔިތުންނާމެދު ލާއިންސާނީ ޢަމަލުތައް ހިންގަމުންދާއިރު، އެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އެހީގެ ސާމާނު ނުވެއްދޭތާ 60 ދުވަހަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ.
މިއީ ޣައްޒާއަށް އެހީގެ ސާމާނު އެއްވެސް މިންވަރަކަށް ނުވެއްދި ފާއިތުވި އެންމެ ދިގު މުއްދަތެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަަނަށް ޣައްޒާގެ 52،000 ރައްޔިތުން ޔަހޫދީން ޝަހީދު ކޮށްލާފައިވާއިރު 118،014 މީހުންނަށް ވަނީ ޒަޚަމުވެފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރެއިން 2،308 މީހުން ޝަހީދު ކޮށްލާފައި ވަނީ ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް މާރިޗު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދެމުންދާ ޙަމަލާތަކުގައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް