އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.
ހެންވޭރު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ނިއު ރޭޑިއަންޓް ކުރީގައި އޮވެގެންނެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އެ ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސަބީނާ ކަތުންއެވެ.
ދެވަނަ ހާފުގައި ނިއު ރޭޑިއަންޓުން ކުޅުން އިތުރަށް ވަރުގަދަކުރިއިރު، 57 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ ސުމައްޔާ މަތުސުޝިމާއެވެ. އޭގެ ތިން މިނެޓު ފަހުން މަރިޔަމް ނޫރާ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، 65 ވަނަ މިނެޓުގައި ސަބީނާ ވަނީ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ނޫރާއެވެ.
މި މޮޅާއެކު ލީގުގައި ކުޅުނު ތިން މެޗުން ވެސް ނިއު ރޭޑިއަންޓް ވަނީ މޮޅުވެފައެވެ. ތާވަލުގެ ދެވަނައިގައި އޮތް މާޒިޔާއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.
ނިއު ރޭޑިއަންޓުން ލީގުގައި ކުރިން ކުޅުނު މެޗުގައި އެމްއެސް މޭޓްސް 3-0 އިން ބަލިކޮށްފައިވާއިރު، މާޒިޔާއިން ކުރިން ކުޅުނު މެޗުގައި ދަ ގްރާންޑޭ 9-0 އިން ވަނީ ބަލިކޮށްފައެވެ. އެމްއެސް މޭޓްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
15 ނޮވެމްބަރުން ފެށިގެން 3 ޑިސެންބަރާ ހަމައަށް ކުރިއަށްދާ މި އަހަރުގެ ލީގުގައި ވާދަކުރަނީ ހަތަރު ޓީމެވެ. ލީގު ކުރިއަށްދަނީ ކޮންމެ ޓީމަކާ ކޮންމެ ޓީމެއް ދެ މެޗު ކުޅޭ ގޮތަށެވެ.





