ސްޓެމްފޯޑް ބްރިޖުގައި ޗެލްސީ ބަލިކޮށް، 27 އަހަރަށް ފަހު ލީޑްސް އިން ތާރީޚީ މޮޅެއް ހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުން 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗެލްސީ ބަލިކޮށް، 1999 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޗެލްސީގެ ދަނޑުގައި ލީޑްސް ޔުނައިޓެޑުން މޮޅެއް ހޯދައިފިއެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީންނެވެ. ފުރަތަމަ ހާފުގައި އެ ލަނޑު ކާމިޔާބުކޮށްދިނީ ނެދަލޭންޑްސްގެ ފޯވާޑް އެމަނުއެލް އެމެގާއެވެ. ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ނޯއާ އޮކަފޯ ވަނީ ލީޑްސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގެ 53 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޑޮމިނިކް ކަލްވަޓް-ލެވިން ވަނީ ލީޑްސްއަށް ކުރި ހޯދައިދީފައެވެ. އޭގެ ފަސް މިނެޓު ފަހުން، 58 ވަނަ މިނެޓުގައި އޮކަފޯ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކުރިއިރު، މެޗުގެ އިތުރު ވަގުތުގައި ލީޑްސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބްރެންޑަން އާރޮންސަންއެވެ.

ކުޅުނު 11 ލީގު މެޗަށް ފަހު، މި މޮޅާއެކު ލީޑްސް ވަނީ ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ޗެލްސީ މިހާރު އޮތީ ތާވަލުގެ އަށްވަނައިގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް