ފަހަތުން އަރައި ސެލްޓާ ބަލިކޮށް، ރެއާލް މެޑްރިޑުން ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން ހަމަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެ، ރެއާލް މެޑްރިޑުން ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އަރައި ހަމަކޮށްފިއެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި 74 ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓުގައި، ސެލްޓާއަށް ލަނޑެއް ކާމިޔާބުކޮށްދީ ކުރި ހޯދައިދިނީ ޕަބްލޯ ދުރާންއެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ރެއާލް މެޑްރިޑް އޮތީ 1-0 އިން ފަހަތުގައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނެޓުގައި ހޯސޭ މޮރީނިއޯގެ ރެއާލް މެޑްރިޑުން ވަނީ ޓީމަށް ތިން ބަދަލެއް ގެނެސްފައެވެ. އެގޮތުން އަލްވާރޯ ކަރެޔާސް، އެލެކްޒެންޑަރ އާނޯލްޑް އަދި ބާނާޑޯ ސިލްވާގެ ބަދަލުގައި މާކް ކުކުރެޔާ، ވިނީޝިއަސް ޖޫނިއަރ އަދި ފެޑެރީކޯ ވަލްވާޑޭ ކުޅެން އެރުވިއެވެ.

އެ ބަދަލުތައް ގެނައިތާ ނުވަ މިނެޓު ފަހުން، މެޗުގެ 66 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ދިން ޕާހަކުން ޖޫޑް ބެލިންހަމް ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްފައެވެ.

ރެއާލް މެޑްރިޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި 21 އަހަރުގެ ކާލޯސް އެސްޕީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗުގެ 85 ވަނަ މިނެޓުގައެވެ.

މި މޮޅާއެކު ލީގުގައި ކުޅުނު 13 މެޗުން ރެއާލް މެޑްރިޑަށް 33 ޕޮއިންޓް ލިބިފައިވާއިރު، 12 މެޗުން 33 ޕޮއިންޓް ހޯދާފައިވާ ބާސެލޯނާ އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. މި މެޗުން ބަލިވި ސެލްޓާ ވީގޯ މިހާރު އޮތީ 13 މެޗުން ހޯދި 13 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް