ނޭޕާލް ފުޓުބޯޅަ އެސޯސިއޭޝަން (އަންފާ) އަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އަޅާފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އުވާލާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
ފީފާއިން އަންފާ ސަސްޕެންޑްކުރީ މިދިޔަ ޖޫން މަހުއެވެ. ފީފާއިން އަންގާފައިވާ މައްސަލަތައް ނޭޕާލުގެ ސަރުކާރާ ގުޅިގެން ހައްލުކުރުމަށް ދިން ފުރުޞަތުތަކުގައި އެ މައްސަލަތައް ހައްލުނުކުރެވުމުންނެވެ.
މި ސަސްޕެންޝަނާ ގުޅިގެން، މި މަހު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައިވެސް ނޭޕާލަށް ކުޅެވިފައެއް ނުވެއެވެ. މިއީ ނޭޕާލާ ނުލައި ސާފް މުބާރާތް ކުޅުނު ފުރަތަމަ ފަހަރެވެ.
މައްސަލައަށް ހައްލެއް ހޯދުމަށް، ނޭޕާލުގެ ކުޅިވަރާ ބެހޭ ވަޒީރު ސަސްމިތު ޕޮކަރެލާއި އެ ޤައުމުގެ ކުޅިވަރު ކައުންސިލުގެ ނައިބު ރައީސް ސިއްދީ ބިޔާންޖަންކަރު ހިމެނޭ ވަފުދަކުން، ފަހުން ބޭއްވި އޭއެފްސީ އެވޯޑް ހަފުލާގެ ހަވާސާގައި ފީފާއާއި އޭއެފްސީގެ އިސް މަންދޫބުންނާ ވަނީ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.
ބިޔާންޖަންކަރު ވިދާޅުވީ، އެ މަޝްވަރާތައް ދިޔައީ ބިނާކުރަނިވި ގޮތެއްގައި ކަމަށާއި، މަހެއްހާ ދުވަހުގެ ތެރޭގައި ސަސްޕެންޝަން އުވާލައި ނޭޕާލުގެ ފުޓުބޯޅަ އަލުން ހަމަމަގަށް އެޅުވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ނޭޕާލުގެ ކުޅިވަރު ކައުންސިލުން ވެސް ކުރިން އަންފާ ސަސްޕެންޑްކޮށްފައި އޮތް ނަމަވެސް، އެ ނިންމުން މިހާރު ވަނީ ބާތިލުކޮށްފައެވެ. ބެލެވޭ ގޮތުގައި ފީފާއިން ސަސްޕެންޝަން ރަސްމީކޮށް އުވާލާނީ، އަންފާގެ އައު އިންތިޚާބެއް ބާއްވައި ކަންކަން ހަމަޖެއްސުމަށް ފަހުގައެވެ.





