ޕީނާގެ ހެޓްރިކާއެކު ސާވެޓް 6-0 އިން ބަލިކޮށް، ބާސާއިން އެއްވަނައިގައި އޮތް މަގާމު ދަމަހައްޓައިފި

ޔުއޭފާ އަންހެނުންގެ ޗެމްޕިއަންސް ލީގުގައި ރޭ ސްވިޒަލެންޑުގެ ސާވެޓް ކުލަބާ ދެކޮޅަށް ކުޅުނު މެޗު 6-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް، ކްލައުޑިއާ ޕީނާގެ ހެޓްރިކާއެކު އެފްސީ ބާސެލޯނާއިން ތާވަލުގެ އެއްވަނަ ހިފަހައްޓައިފިއެވެ. ބާސާގެ އަމިއްލަ ދަނޑު އެސްޓާޑީ ޔޮހާން ކްރައިފްގައި ކުޅުނު މި މެޗުގައި ފެނިގެންދިޔައީ އެ ޓީމުގެ ފުރިހަމަ ކޮންޓްރޯލެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ބާސާއަށް ލީޑު ނަގައިދިނީ އައިޓާނާ ބޮންމާޓީއެވެ. އޭގެ ހަތް މިނެޓު ފަހުން ޕީނާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެސްމީ ބްރޫގްޓްސް ވަނީ ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ދެވަނަ ހާފު ފަށައިގެން މެޗުގެ 62 ވަނަ މިނެޓުގައި ބާސާއަށް ލިބުނު ޕެނަލްޓީއަކުން ކެރޮލީން ގްރަހަމް ހެންސެން ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 77 ވަނަ މިނެޓާއި 88 ވަނަ މިނެޓުގައި ލަނޑު ޖަހައި، ޕީނާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ރޭ ކުޅުނު އެހެން މެޗެއްގައި އިނގިރޭސި ކުލަބު އާސެނަލްގެ ދަނޑު މީޑޯ ޕާކުގައި ކުޅުނު މެޗުން އޮލިމްޕިކް ލިއޯން ވަނީ 2-0 އިން މޮޅުވެފައެވެ. ލިއޯނަށް މި މެޗުގައި ލަނޑުތައް ކާމިޔާބުކޮށްދިނީ ޖޫލް ބްރޭންޑާއި މެލްޗީ ޑުމޯނޭއެވެ. މި މޮޅާއެކު ލިއޯން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ބާސާއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފައެވެ.

ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ފައިދާ ގޯލުގެ ތަފާތުން ބާސެލޯނާ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ލިއޯން އޮތީ ދެވަނައިގައެވެ. ރޭގެ މެޗުން ބަލިވި އާސެނަލް ވަނީ ތާވަލުގެ އަށްވަނައަށް ވެއްޓިފައެވެ.

މީގެ އިތުރުން، އޮސްޓްރިއާ ވިއެން އަތުން 4-0 އިން މޮޅުވި ބަޔާން މިއުނިކް ވަނީ ތާވަލުގެ ތިންވަނައަށް ކުރިއަރާފައެވެ. އަދި ބެންފީކާގެ ދަނޑުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑާއެކު ރޯމާއިން ވަނީ 3-2 އިން މޮޅުވެފައެވެ. ޑެންމާކުގެ އެޗްބީ ކޯގެ އަތުން ޕެރިސް އެފްސީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް