ހެންވޭރު ދަނޑުގައި މިއަދު ހަވީރު ފެށުނު އެފްއޭއެމް ވިމެންސް ލީގު 2026 ގެ ފުރަތަމަ މެޗުގައި، މޯލްޑިވްސް ސޮކަރ މޭޓްސް (އެމްއެސް މޭޓްސް) 8-0 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މުބާރާތުގައި ރަނގަޅު ފެށުމެއް ހޯދައިފިއެވެ.
މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މާޒިޔާއިން ފުރަތަމަ ހާފުގައި ހަތަރު ލަނޑުގެ ލީޑެއް ހޯދިއިރު، ދެވަނަ ހާފުގައި އިތުރު ހަތަރު ލަނޑު ވަނީ ޖަހާފައެވެ.
މާޒިޔާގެ ބިދޭސީ ކުޅުންތެރިޔާ ރުޝާނިޔާ ސަފީނާ މި މެޗުގައި ހަތަރު ލަނޑު ޖެހިއިރު، ފަދުވާ ޒާހިރާއި ޝަހުލާ ތައުފީގު ކުރެ ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ.
މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ ހަތަރު ޓީމެވެ. މާޒިޔާއާއި އެމްއެސް މޭޓްސްގެ އިތުރުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ވެސް މުބާރާތުގައި ބައިވެރިވެއެވެ.
މުބާރާތުގެ ދެވަނަ މެޗު މިރޭ 20:00 ގައި ކުޅެނީ ނިއު ރޭޑިއަންޓާއި ދަ ގްރާންޑޭ ދެމެދުގައެވެ.





