ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓި ނަމަވެސް، ޓީމުގައި ތިބި ހުނަރުވެރި ކުޅުންތެރިން ކުރިއެރުވުމަށްޓަކައި އެ ކުޅުންތެރިން ދެވަނަ ޑިވިޝަން މުބާރާތުގައި ވާދަކުރުވުމަކީ މުހިންމު ކަމެއް ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފިއެވެ.
ނޭޕާލާ ދެކޮޅަށް އިއްޔެ ކުޅުނު ގްރޫޕްގެ ފަހު މެޗުގައި 1-1 އިން އެއްވަރުވެ، ރާއްޖެއަށް މުބާރާތް ނިމުނީ ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ. ރާއްޖެއަށް ތިން މެޗުން ލިބުނީ އެންމެ ދެ ޕޮއިންޓެވެ.
"ނަތީޖާއަށްވުރެ މުހިންމީ ތަޖުރިބާ"
މެޗަށްފަހު ވާހަކަ ދައްކަމުން އުރްބާނީ ބުނީ، މުބާރާތުން ބަލިވި ނަމަވެސް އެންމެ ބޮޑު އިސްކަމެއް ދިނީ ޓީމުގެ ހަގީގީ ހާލަތު ދެނެގަނެ، ކުޅުންތެރިންނަށް ބޭނުންވާ މެޗު ތަޖުރިބާ ހޯދައިދިނުމަށް ކަމަށެވެ.
"މި ކުޅުންތެރިންގެ ޑިވެލޮޕްމަންޓަށް ބޭނުންވާ ކަންކަން ކުރަންވީ، މެޗު ކުޅުން އިތުރު ކުރަންވީ،" އުރްބާނީ ބުންޏެވެ. އޭނާ ހުށަހެޅީ ކުރިއަށް އޮތް ދެވަނަ ޑިވިޝަން މުބާރާތުގައި މި ޒުވާން ޓީމު ވާދަކުރުވުމަށެވެ. މިއީ މީގެ ކުރިންވެސް ބައެއް ކޯޗުން ހުށަހަޅާފައިވާ، އަދި އެފްއޭއެމްއިން ބައެއް އަހަރުތަކުގައި އަމަލުކޮށްފައިވާ އުސޫލެކެވެ.
ކްލަބްތަކުގެ އެއްބާރުލުން ބޭނުންވޭ
ޔޫ-20 ޓީމު ދެވަނަ ޑިވިޝަނުގައި ކުޅުވުމުގައި ހުރި ގޮންޖެހުންތަކަށް އިޝާރާތް ކުރަމުން އުރްބާނީ ބުނީ، މި ޓީމުގައި ތިބި ކުޅުންތެރިން ނިސްބަތްވާ ކްލަބްތަކާ ވާހަކަދައްކައިގެން ހައްލެއް ހޯދަންޖެހޭ ކަމަށެވެ. "މިއީ އެންމެން އެކުގައި ތިބެގެން ކުރެވޭނެ ކަމެއް،" އޭނާ ފާހަގަކުރިއެވެ.
ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތުން އަރައިގަތުމަށް ޒުވާން ޖީލެއް ބިނާކުރުމަކީ މަޖުބޫރު ކަމެއް ކަމަށް އުރްބާނީ ގަބޫލުކުރެއެވެ. ރާއްޖެ ހިމެނުނު ގްރޫޕުން ސެމީ ފައިނަލަށް ދިޔައީ ނޭޕާލާއި ބޫޓާނެވެ.




