ބައިނަލްއަގުވާމީ ސަސްޕެންޝަނަކަށްފަހު އަލުން ހިނގައިގަތުމަށް މަސައްކަތް ކުރަމުންދާ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މި އަހަރަށް 10.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް، ކުޅިވަރު ކުރިއެރުވުމުގެ ފުޅާ މަޝްރޫއެއް އިއުލާނުކޮށްފިއެވެ.
ބުދަ ދުވަހުގެރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ފާސްކުރި މި ބަޖެޓުގެ ބޮޑުބައެއް ހާއްސަކޮށްފައިވަނީ "ރާއްޖެ ބެޑްމިންޓަން" އިވެންޓްތަކުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާން ކުޅުންތެރިން ބިނާކުރުމަށެވެ.
ބަޖެޓުގެ ތަފްސީލް:
-
ޖުމްލަ ބަޖެޓް: 10,465,012 ރުފިޔާ
-
ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ: 2,999,220 ރުފިޔާ
-
އިތުރަށް ހޯދަންޖެހޭ ފައިސާ: 7.4 މިލިއަން ރުފިޔާ
އެސޯސިއޭޝަނުން ބުނި ގޮތުގައި، ބަޖެޓުގައި ހުރި ކަންކަން ފުރިހަމައަށް ތަންފީޒު ކުރެވޭނީ އިތުރަށް ބޭނުންވާ 7.4 މިލިއަން ރުފިޔާ ސްޕޮންސަރުންގެ އެހީގައި ހޯދިގެންނެވެ. އެހެންކަމުން، ދިގު މުއްދަތުގެ ޕްލޭންތަކެއްގެ ދަށުން ޕާޓްނަރުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
އިދާރީ އިސްލާހުތަކާއި ކުރިމަގު
މި ޖަލްސާގައި ވަނީ ކުޅިވަރު ގާނޫނާ އެއްގޮތަށް އެސޯސިއޭޝަންގެ ހިންގާ ގަވާއިދަށް ގެނައި ބަދަލުތަކަށް މެމްބަރުން އަހުލުވެރިކޮށްފައެވެ. މީގެ އިތުރުން ނިމިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓާއި ހަރަދުތަކުގެ ރިޕޯޓްވެސް ވަނީ ފާސްކޮށްފައެވެ.
ބެޑްމިންޓަންގެ ދުނިޔޭގެ ޖަމިއްޔާ އިން ރާއްޖެ ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އެ ސަސްޕެންޝަން އުވާލީ މިދިޔަ ޑިސެމްބަރު މަހު އާ އިންތިހާބެއް ބޭއްވުމާ ގުޅިގެންނެވެ. އާ ހިންގާ ކޮމިޓީގެ މި ބަޖެޓަކީ ރާއްޖޭގެ ބެޑްމިންޓަން އާ އުސްމިންތަކަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.




