ރޭ ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2025 ގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ކުޅިވަރު ތަރިން ކަމަށްވާ ފާތިމަތު ދީމާ ސައީދާއި މޫސާ މުންސިފް އަހްމަދު އަދި ނަން-އޮލިމްޕިކް ކެޓަގަރީން އަޒުނީން ރަޝާދު އަދި އީމާ އަބްދުއްސައްތާރު ހޯދައިފިއެވެ. މި ޝަރަފުވެރި އެވޯޑުތައް އެތުލީޓުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.
އޮލިމްޕިކް ކުޅިވަރުތަކުގެ ކެޓަގަރީން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ފާތިމަތު ދީމާ ސައީދު ވަނީ ޖެހިޖެހިގެން ތިން އަހަރު މި މަގާމު ދިފާއުކޮށްފައެވެ. ދީމާ އަކީ އޮލިމްޕިކްސްގެ ކޮލިފައިން މަރުހަލާއެއްގެ ޗެމްޕިއަންކަން ހޯދައި، އޮލިމްޕިކްސްގެ ވާދަވެރި މަރުހަލާއަކުން ފުރުސަތު ހޯދި ހަމައެކަނި ދިވެހި އެތުލީޓެވެ. މި ކެޓަގަރީން ދެވަނަ އާއިޝަތު މާޖިދާ ހޯދިއިރު، ތިންވަނަ ލިބުނީ ފާތިމަތު ޖޫޒާން ޒަރީރަށެވެ.
އޮލިމްޕިކް ކެޓަގަރީގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި މޫސާ މުންސިފް އަހްމަދު ވަނީ ގައުމީ ޓީމާއެކު ސައުތު އޭޝިއާގެ އޮލިމްޕިކްސް ކޮލިފައިންގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. މި ކެޓަގަރީގެ ދެވަނަ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހޯދިއިރު، ތިންވަނަ އެވޯޑު ހާސިލްކުރީ ފެތުންތެރިޔާ މުހައްމަދު ރިހާން ޝިހާމެވެ.

ނަން-އޮލިމްޕިކް ކުޅިވަރުތަކަށް ބަލާއިރު، އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ބޮޑީބިލްޑިން ތަރި އަޒުނީން ރަޝާދު އެވެ. މި ކެޓަގަރީގެ ދެވަނަ ޝާހީން އިބްރާހިމް ދީދީ ހޯދިއިރު، ތިންވަނަ ލިބުނީ އަހްސަން ރަޝީދަށެވެ. އަދި ނަން-އޮލިމްޕިކް ކެޓަގަރީގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ނެޓްބޯޅަ ތަރި އީމާ އަބްދުއްސައްތާރު އެވެ.

އީމާ މި މަގާމު ހާސިލްކުރީ 2024 ވަނަ އަހަރު ނެޓްބޯޅައިގެ ދާއިރާއިން އޭނާ ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ސަބަބުންނެވެ. ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ އެތުލީޓުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކުޅިވަރު އެތުލީޓުން ވަނީ ބައިވެރިވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




