ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އެގައުމު ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކުރި ނަމަވެސް، އިޒްރޭލާ މެދު އެފަދަ ފިޔަވަޅެއް އެޅުމަށް ދުނިޔޭގެ ފުޓްބޯޅަ އިދާރާ (ފީފާ) އިން ފަސްޖެހިއްޖެ އެވެ. އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އެގައުމު ސަސްޕެންޑް ކުރުމަށް ގޮވާލާ އަޑުތައް ގަދަވެފައިވާ ދަނޑިވަޅެއްގައި، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މިކަމުގައި ގެންގުޅުއްވާ ރާގު ބަދަލުކުރައްވާފަ އެވެ.
ފެބްރުއަރީ 2022 ގައި ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ޔޫއެފާ އާއި ފީފާއިން ވަނީ ވަގުތުން ރަޝިއާ ސަސްޕެންޑް ކޮށްފަ އެވެ. އެ ސަސްޕެންޝަނުގައި ރަޝިއާ އޮންނަތާ މިހާރު ހަތަރު އަހަރު ވަނީ އެވެ. ނަމަވެސް، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލްއާމަށް ތިން އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު ވެސް، އިޒްރޭލަށް ފިޔަވަޅު އެޅުމަށް ފަލަސްތީނުގެ އެފްއޭއިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ފީފާއިން އަމަލީ ސިފައެއް ގެނެސްފައެއް ނުވެ އެވެ.
މި މަހު ކުރީކޮޅު ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ، ގައުމުތަކުގެ ސިޔާސީ ވެރިން ކުރާ ކަންތައްތަކެއްގެ ސަބަބުން އެ ގައުމެއް ފުޓްބޯޅައިން ސަސްޕެންޑް ކޮށްގެން އެއްވެސް ފައިދާއެއް ނުކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގައުމުތައް ސަސްޕެންޑް ކުރުމާ ގުޅޭ ގޮތުން ފީފާގައި އޮތް ގަވާއިދުތައް ބަދަލުކުރަން ޖެހެ އެވެ.
"ސިޔާސީ ވެރިން ކުރާ ކަންތައްތަކެއްގެ ސަބަބުން، ފުޓްބޯޅަ ކުޅުމުން އެއްވެސް ގައުމެއް ދުވަހަކުވެސް ސަސްޕެންޑް ނުވަތަ އެކަހެރިކޮށް މަނާކޮށްގެން ނުވާނެކަމަށް އަޅުގަނޑުމެންގެ ގަވާއިދުތަކުގައި ހިމަނައި ކަނޑައަޅަން ޖެހޭ،" އިންފަންޓީނޯ ވިދާޅުވި އެވެ.
ރަޝިއާގެ ސަސްޕެންޝަނަށް އިޝާރާތް ކުރައްވައި އިންފަންޓީނޯ ވިދާޅުވީ، އެފަދަ ފިޔަވަޅުތަކުގެ ސަބަބުން މައްސަލަތަކަށް އެއްވެސް ހައްލެއް ނުލިބޭ ކަމަށާއި، އޭގެ ބަދަލުގައި އުފެދެނީ އިތުރު ބައިބައިވުންތައް ކަމަށެވެ. އޭނާ ވަނީ ރަޝިއާގެ ސަސްޕެންޝަން އުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވާފަ އެވެ.
އިންފަންޓީނޯ އިތުރަށް ވިދާޅުވީ ރަޝިއާގެ ސަސްޕެންޝަން އުވާލަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ އެ ސަސްޕެންޝަންގެ ސަބަބުން އެއްވެސް ކަމެއް ހާސިލުނުވެ، ހަމައެކަނި މާޔޫސްކަމާއި ނަފުރަތު އިތުރުވެފައިވާތީ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މިއީ އިޒްރޭލަށް ފިޔަވަޅު އެޅުމާ ދެކޮޅަށް ފީފާގެ ރައީސް ދެއްކެވި ބަހަނާއެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




