އއ. ބޮޑުފޮޅުދޫގައި ހޭންޑްބޯޅަ ކޯޓަކާއި، ފުޓްބޯޅަ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތުގެ އިތުރުން މިއަންނަ އަހަރުގައި އާ ފުޓްސަލް ދަނޑެއް އެޅުމަށްވަނީ ހަމަޖެހިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އއ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އއ. ބޮޑުފޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ކުޅިވަރުގެ ދާއިރާއިން ބޮޑުފޮޅުދޫގައި ކުރިޔަށް ގެންދަންހުރި ކަންތައްތަކުގެ ތެރޭގައި ހޭންޑްބޯޅަ ކޯޓުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ހޭންޑްބޯޅަ ކޯޓު ވެގެންދާނީ ބޮޑުފޮޅުދޫގެ ކުޅިވަރަށް އަދި ހާއްސަކޮށް ހޭންޑްބޯޅަ ކުޅޭ އަންހެން ބޭފުޅުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމަކަށްކަމަށެވެ.
ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި، ފުޓުބޯޅަ ދަނޑުގަ ލައިޓް ޖަހައިދީ ރޭގަނޑު ކުޅެވޭނެގޮތް ހަދައިދިނުމަކީ ކުރަން ނިންމާފަ އޮތް ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތް ހަވާލުކުރެވިފައިވަނީ އެމްޓީޓީސީއާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށްވެސް އަންނަ އަހަރުގެ ބަޖެޓުގަ ހިމަނައިގެން މިއަންނަ އަހަރުގެ ކުރީކޮޅު ފުޓްސަލް ދަނޑެއް އަޅައިދިނުމުގެ ކަނތައްވެސް ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އއ އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި އެއް މައްސަލައެއް ދިމާވެފައިވާ ކަމަށާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކެއް ބޮޑުފޮޅުދޫ އާއި އެހެނިހެން ރަށްރަށުގައިވެސް އަޅާފައި ހުރި އިރު އެ އިމާރާތްތައް ނިމުނުއިރުވެސް ހުރީ މަރާމާތުކުރަން ޖެހިފައިކަމަށް ރައީސް ވިދާޅުވިއެވެ.
މި މައްސަލަ ދިމާނުވާ ހުރިހާ ރަށެއްގައި މިދަނީ ފިޓްނެސް އެންޑް ރެކްރިއޭޝަންގެ އައު މަރުކަޒުތައް އަޅަމުން ކަމަށާއި ވަރަށް ޒަމާނީ ފެންވަރަކަށް އެތަންތައް ތަރައްޤީކުރުމަަށް މި ހަފްތާގައިވެސް އެމްޓީސީސީ އާއި ހަވާލުކުރެވުނު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ކުރިން އަޅާފަ ބޭނުން ކުރެވޭގޮތްނުވަފެ ހުރި ވަރަށް ގިނަތަންތައް އެބަހުރި ކަމަށާއި އެމަސައްކަތް ކުރި ކޮންޓްރެކްޓަރުންލައްވާ އެތަން ރަނގަޅު ކުރުވަން ވަރަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ބޮޑުފޮޅުދޫގައި ކުޅިވަރު ކުރިއެރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް