ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފި އެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ރައީސް ވަޑައިގަތީ ފުވައްމުލަކާއި އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގަ އެވެ. އެ މަނިކުފާނު އެ ރިސޯޓަށް ވަޑައިގަތުމުން ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން މިއަދު ވަނީ ރިސޯޓް ހުޅުވުމުގެ ކުރިން ކުރަމުން އަންނަ މަސައްކަތުގެ ތަފްޞީލް ޕްރެޒެންޓޭޝަނެއް އެމަނިކުފާނާއި ހިއްސާކުރައްވާފަ އެވެ. އެގޮތުން އަންނަ މަހުގެ 31 ވަނަ ދުވަހު ހުޅުވުމަށް ވަމުންދާ ތައްޔާރީތަކުގެ ތަފްޞީލް ހިއްސާކުރެއްވި އެވެ.
އޭގެ ތެރޭގައި ރިސޯޓްގެ ވޯޓަރ ވިލާތަކާއި، ރެސްޓޯރަންޓް ތަކާއި ޑެކިން ރަނގަޅުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ މައުލޫމާތު ރައީސަށް ދެއްވި އެވެ. ރިސޯޓް ބަންދުކޮށްފައިވީ ނަމަވެސް ތަނުގެ މަރާމާތުކޮށް ރަނގަޅަށް ބަލަހައްޓަވަމުން ގެންދަވާކަމަށް މެނޭޖްމަންޓުން ވަނީ ފާހަގަކުރައްވާފަ އެވެ.
ޕްރެޒެންޓޭޝަނަށް ފަހު، ރިސޯޓްގެ ހުޅުވުމަށް ވަމުންދާ ތައްޔާރިތައް ދައްކާލެއްވުމަށް ޚާއްޞަ ޓުއަރ އެއް ދެއްވާފައިވެެއެވެ. މި ޓުއަރ ގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ގެ އިސްވެރިންނާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ތަމްސީލްކުރައްވާ ބައެއް މެމްބަރުންވެސް ބައިވެރިވަޑައިގެންނެވި އެވެ.
2009 ވަނަ އަހަރު އައްޑޫ ސިޓީގައި ހުޅުވި، ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ބަންދުކޮށްފައިވަނީ 2020 ވަނަ އަހަރުގެ މާރިޗް މަހުގެ ކޮވިޑާއި ގުޅިގެންނެވެ. ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ތަރައްޤީކޮށްފައިވާ މި ރިސޯޓްގައި 284 އެނދު ހުރެ އެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




