އުސްތާޛު ޢަބްދުއްރަޙްމާން ޔޫނުސް ޕާޓީއާ ގުޅިވަޑައިގަތުމަކީ ބޮޑު ކުރިއެރުމެއް: އަދާލަތު

ޤުރްއާނުގެ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް ކަމަށްވާ އަލްއުސްތާޛު ޢަބްދުއްރަޙްމާން ޔޫނުސް އަދާލަތު ޕާޓީއާ ގުޅިވަޑައިގަތުމަކީ، ޕާޓީގެ ޢިލްމީ އަދި ސިޔާސީ ހަރަކާތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް އެ ޕާޓީން ބުނެފިއެވެ.

އުސްތާޛު ޔޫނުސް ޕާޓީއާ ގުޅިވަޑައިގަތުމާ ގުޅިގެން، އަދާލަތު ޕާޓީގެ ރަސްމީ އެކައުންޓުތަކުންނާއި ޕާޓީގެ އިސްވެރިން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ޕާޓީގެ އިސްފަނޑިޔާރު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން ދެނެތިބެ، އަދާލަތު ޕާޓީ އަބަދުވެސް ސާބިތުކަމާއެކު ކުރިއަށް ދާނެ ކަމަށެވެ.

އަލްއުސްތާޛު ޢަބްދުއްރަޙްމާން ޔޫނުސް މިހާރު ގެންދަވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޤުރްއާން އެންޑް ސުންނާ ޑިޕާޓްމަންޓްގެ ސީނިއަރ ލެކްޗަރަރެއްގެ މަޤާމު ފުރުއްވަމުންނެވެ. އެމަނިކުފާނަކީ ޤިރާއަތާއި ޝަރީޢާ އަދި އިސްލާމީ ތަޢުލީމުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

ކީރިތި ޤުރްއާން އުގަންނައިދިނުމާއި މި ދާއިރާއިން އާންމުން ހޭލުންތެރިކުރުވުމަށް ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، ކީރިތި ޤުރްއާނާ ބެހޭ ފަންނުތަކުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ސަރުކާރުން އެމަނިކުފާނަށް އަރުވާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުއެވެ.

އެމަނިކުފާނު ވަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާއި މުޝްރިފް މުސާޢިދުގެ މަޤާމު ފުރުއްވާފައެވެ. އަދި ޤުރްއާނާއި މެތޮޑޮލޮޖީ މުދައްރިސެއްގެ ގޮތުގައްޔާއި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއާއި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގައި ޕާޓް-ޓައިމް ލެކްޗަރަރެއްގެ ގޮތުގައިވެސް އެމަނިކުފާނު ޚިދުމަތްކުރައްވާފައިވެއެވެ.

މީގެ އިތުރުން، "ތަޖުވީދުލް މުޔައްސަރު" ރިފަރެންސް ފޮތާއި ޑިޕްލޮމާ އިން ޓީޗިންގ ޤުރްއާން ކޯހުގެ ތަމްރީނު މޮޑިއުލްތައް އެކުލަވައިލެއްވުމުގައްޔާއި، މަންހަޖު އެކުލަވައިލުމާއި އިވެލުއޭޓްކުރުމުގެ މަސައްކަތްތަކުގައިވެސް އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް