އަދާލަތު ޕާޓީގެ އާ ލީޑަރޝިޕަށް ރާއްޖޭގެ ދީނީ ޢިލްމުވެރިން ފުރިހަމައަށް އިތުބާރުކުރައްވާކަމީ ފެންނަން އޮތް ހަގީގަތެއް ކަމަށް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޒިނާހު ވިދާޅުވެއްޖެއެވެ.
ޒިނާހު މިހެން ވިދާޅުވީ، ޕާޓީގެ މިހާރުގެ ލީޑަރޝިޕަށް ފާޑުކިޔަމުންދާ ބޭފުޅުންނަށް ރައްދުދެއްވައި، ޝައިޚް ޢިމްރާން ޢަބްދުﷲގެ ރިޔާސަތުގައި ޕާޓީއާ ދުރަށް ޖެހިވަޑައިގެންނެވި ޢިލްމުވެރިންގެ ވާހަކަ ހަނދާންކޮށްދެއްވަމުންނެވެ.
ޝައިޚް ޢިމްރާން ޕާޓީގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވިތާ ގިނަ ދުވަސް ނުވަނީސް، ޕާޓީގެ މުއައްސިސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށް ޒިނާހު ވިދާޅުވިއެވެ.
އަދި އޭރުގެ ލީޑަރޝިޕުން ނިންމި ނިންމުންތަކުގެ ސަބަބުން ޝައިޚް މުޙައްމަދު ދީދީ، ޝައިޚް މުޙައްމަދު ލަޠީފް، ޑރ. ޝަހީމް، ޝައިޚް ޢިއްޒުއްދީން، ޝައިޚް ޢަލީ ރިޟާ، ޝައިޚް ރުޝްދީ، ޝައިޚް ޙުސައިން ފަހުމީ، ޝައިޚް ރަޒީން އަދި ޝައިޚް ނަސީމް ފަތުހީ ފަދަ ޢިލްމުވެރިންވެސް ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަމްޢިއްޔަތުއް ސަލަފްގެ ޢިލްމުވެރިން ޕާޓީއާ ނުހަނު ގާތުން މަސައްކަތްކުރައްވަމުން އައިސް ދުރަށް ޖެހިވަޑައިގަތީވެސް، އޭރުގެ ލީޑަރޝިޕުން ކަންކަން ކުރަމުން ދިޔަ ގޮތާމެދު ހިތްހަމަނުޖެހިގެން ކަމަށް ޒިނާހު ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ވަނީ މި ސަރުކާރުގެ ކުރިއަށް އޮތް ދެ އަހަރާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާ ގުޅިގެން ކުރިއަށްދާން ނިންމާފައެވެ. އެ ނިންމުމާ ގުޅިގެން ޕާޓީގެ ބައެއް މެންބަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.





