ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި ދައުލަތުގެ ބަޖެޓުގެ ގޮތުގައި 200 ބިލިއަނެއްހާ ރުފިޔާ ޚަރަދުކުރި ނަމަވެސް، ވައްކަންކުރުން ފިޔަވައި ރައްޔިތުންނަށް އެއްވެސް ނަތީޖާއެއް ހާސިލުކޮށްދެވިފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިހެން ވިދާޅުވީ، ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓަށް މިއަދު މަޖިލީހުގައި ބަހުސްކުރައްވަމުންނެވެ.
ޝުޖާޢު ވިދާޅުވީ، ނިމިދިޔަ ވެރިކަމުގައި ދައުލަތުގެ ބަޖެޓު ތައްޔާރުކުރީ "ބިރަކާ ނުލައި މަޖާކުރަމުން" ކަމަށެވެ.
ބަޖެޓު ބޮޑުވާ ސަބަބުތަކަށް އަލިއަޅުއްވަމުން ޝުޖާޢު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ސަބްސިޑީއަށް ހިނގާ ޚަރަދު ވަނީ ބޮޑުތަނުން އިތުރުވެފައި ކަމަށެވެ.
އަދި ކުރީގެ ސަރުކާރުން ނެގި ލޯނުތައް މި ސަރުކާރުން ދައްކަންޖެހިފައިވާ ކަމަށްވެސް ޝުޖާޢު ވަނީ ފާހަގަކުރައްވާފައެވެ.





