ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ދައުލަތުން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުގެ ރައީސަކަށް ޑރ. އަބްދުލްމުހުސިން މުހައްމަދު ހަމަޖައްސަވައި، ކޮމިޝަނުގެ އެކުލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަދަލުތަކެއް ގެންނަވައިފިއެވެ.
މި މަހުގެ ފުރަތަމަ ދުވަހު އެކުލަވާލި މި ކޮމިޝަނުގެ ރައީސްކަމުގައި ކުރިން ހުންނެވީ ކަށިމާ އަހުމަދު ޝާކިރެވެ. ރައީސް މިއަދު ނެރުއްވި ގަރާރާއެކު ޝާކިރު ވަނީ ކޮމިޝަނުން ވަކިވެވަޑައިގެންފައެވެ. ކޮމިޝަނުގެ އާ ރައީސް ޑރ. އަބްދުލްމުހުސިން ވެސް ކޮމިޝަން ފުރަތަމަ އެކުލަވާލިއިރު މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގެންނެވިއެވެ.
ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ އެސިސްޓެންޓް ޕްރޮސިކިއުޓަރ ޖެނެރަލް އާއިޝަތު ފަޒުނާ އަހުމަދު ހިމެނެއެވެ. އާ ގަރާރުގެ ދަށުން މެންބަރު އަބްދުލްއަޒީޒު ޔޫސުފް ވެސް ކޮމިޝަނުން ވަކިކުރައްވައި، ކެޕްޓަން އަހުމަދު ޒުބައިރު ވެސް ކޮމިޝަނަށް އައްޔަންކުރައްވާފައިވެއެވެ.
މި ބަދަލުތަކާއެކު މިހާރު ކޮމިޝަނުގައި ތިއްބަވަނީ ޑރ. އަބްދުލްމުހުސިން މުހައްމަދުގެ އިތުރުން، ޑރ. އާމިނަތު ޝާފިޔާ އާދަމާއި، ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ސޯދިގާއި، އަހުމަދު އަލީ މަނިކާއި، ފާތިމަތު މިންހަތު އިއްޒަތާއި، އާއިޝަތު ފަޒުނާ އަހުމަދާއި، ކެޕްޓަން އަހުމަދު ޒުބައިރެވެ.
މި ކޮމިޝަނަށް މަތިކޮށްފައިވާ މައިގަނޑު މަސްއޫލިއްޔަތަކީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޖަވާބުދާރީވި ގޮތާއި، އެކަމުގައި ދައުލަތުގެ މުވައްޒަފުންނާއި ލަފާދިން ފަރާތްތަކުން އަމަލުކުރި ގޮތް ތަހުގީގުކުރުމެވެ. އަދި އިހުމާލެއް ވެފައިވާނަމަ އަޅަން ފެންނަ ފިޔަވަޅުތައް ކަނޑައެޅުމާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަށް ހުށަހެޅުންތައް ހުށަހެޅުން ވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލަ ދިރާސާކުރި ބައިނަލްއަގުވާމީ މާހިރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، އިޓްލޮސްގައި މައްސަލަ ހިނގަމުން ދިޔައިރު ދައުލަތުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލި، މަސްވެރިކަމަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.
ރައީސްގެ ގަރާރުގައިވާ ގޮތުން، ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންދެން މި ކޮމިޝަން ދެމިއޮންނާނެއެވެ.





