އަބުރާ ބެހުމަކީ މަދަނީ ކުށެއް ކަމުގައި ކަނޑައަޅައި، އަބުރާ ބެހެވުނު ފަރާތަކަށް 500،000 ރުފިޔާއާ ހަމައަށް ގެއްލުމުގެ ބަދަލު ނަގައިދެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލްއެވެ.
ބިލުގައިވާ ގޮތުން، އަބުރާ ބެހުމުގެ ސަބަބުން ދައުވާކުރާ ފަރާތަށް ލިބުނު ގެއްލުމުގެ ކުޑަބޮޑު މިނަށް ބަލައި، 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ބަދަލުގެ ގޮތުގައި ލިބިދެވޭނެއެވެ.
އިންޓަނެޓްގެ އެކި ވަސީލަތްތައް ކަމަށްވާ ވެބްސައިޓްތަކާއި، ސޯޝަލް މީޑިއާ އަދި އޮންލައިން ނޫސްތައް މެދުވެރިކޮށް އެއްވެސް މީހެއްގެ އަބުރާ ބެހޭ ފަދަ ވާހަކައެއް ޝާއިއުކުރުން މި ބިލުގެ ދަށުން މަނާކުރެއެވެ.
މީގެއިތުރުން، އަބުރާ ބެހުމުގެ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމަށްޓަކައި މައާފަށް އެދުމާއި ގެއްލުމުގެ ބަދަލު ދިނުމުގެ އުސޫލުތަކުގެ އިތުރުން، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހަމަތައް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.





