ހުޅުމާލޭ ރީތި ގަސް މަގުގައި ހުރި ދަނބު ގަސްތަކުގައި ހުވަނި ފެތުރެމުންދާތީ، އެ ގަސްތަކަށް ބޭސްޖެހުމަށްޓަކައި އެ މަގުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނަގައިދިނުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.
އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެ ސަރަހައްދުގެ ގަސްތަކަށް ބޭސްޖެހުމަށް ނިންމާފައިވާ ކަމަށެވެ. ހުވަނި މެރުމަށް ބޭސްޖެހުމުގެ މަސައްކަތް މާދަމާ ހެނދުނު 9:00 އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެގޮތުން، މާދަމާ ހެނދުނު 9:00 ގެ ކުރިން ރީތި ގަސް މަގުގެ ދެފަރާތުގައި، ޚާއްޞަކޮށް ހުވަނީގެ އަސަރުކޮށްފައިވާ ދަނބު ގަސްތަކުގެ ދަށުގައި ޕާކުކޮށްފައިވާ ހުރިހާ އުޅަނދެއް ނަގައިދިނުމަށް އެޗްޑީސީން ވަނީ އެދިފައެވެ. މީގެ އިތުރުން، މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެ ސަރަހައްދުގައި އުޅަނދު ޕާކުނުކުރުމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
މި މަސައްކަތުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދި، ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް އެޗްޑީސީން ޝުކުރު ވެސް އަދާކޮށްފައިވެއެވެ.
ހުވަންޏަކީ މޫސުމީ ގޮތުން ބައެއް ގަސްގަހުގައި އަޅާ ފަންޏެކެވެ. އެ ފަނީގެ ކަށި ހަށިގަނޑުގައި ޖެހުމުން ހަންގަނޑު ދުޅަވެ، ރަތްވެ ހިރުވާ ގޮތް ވެއެވެ.





