ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ތެރެއިން، ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާތައް އިތުރުވަމުން ދިއުމަކީ މިއަދު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ މިނިސްޓަރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހާ ގުޅިގެން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކު ފާހަގަކުރާ "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިންގެ ޙަރަކާތްތައް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޑިޖިޓަލް ދުނިޔޭގައި ހިންގާ ނޭދެވޭ ޢަމަލުތަކުގެ އަސަރު ޙަޤީޤީ ދިރިއުޅުމަށް ކުރާ ކަމަށާއި، އޮންލައިން އަދި އޮފްލައިން މާޙައުލަކީ ވެސް އަނިޔާއަށް އެއްވެސް ޖާގައެއް ނެތް ތަނަކަށް ހެދުމަށް ޤައުމީ އަދި ފަރުދީ ފެންވަރުގައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރާ މީހުން. މި ބޭނުންކުރުމުގައި އަޅުގަނޑުމެން އެންމެން އަނެކާގެ ރައްކާތެރިކަމާ ކަރާމާތް އިސްކުރަންޖެހޭ،" މިނިސްޓަރު ޤީލާ ވިދާޅުވިއެވެ.
އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށް "އެކުއެކީ" ޕްރޮގްރާމް ފަރުމާކޮށް، ކަމާ ބެހޭ ޤާނޫނުތައް މުރާޖަޢާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި އަނިޔާ ލިބޭ ފަރާތްތަކުގެ މަޢުލޫމާތު މީޑިއާތަކުން ރިޕޯޓުކުރުމުގައި ޢަމަލުކުރާނެ ގައިޑްލައިނެއް ކަނޑައަޅައި، އެ ގައިޑްލައިނާ ބެހޭގޮތުން މީޑިއާތަކަށް ތަމްރީނު ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ޔޫއެންއެފްޕީއޭއާ ގުޅިގެން "ދަ ވާރޗުއަލް އިޒް ރިއަލް"ގެ ނަމުގައި ޚާއްޞަ ޕްލެޓްފޯމެއްގެ އިތުރުން، ޖީބީވީ ޗެޓްބޮޓް "ރާޙް" ވެސް ވަނީ އިފްތިތާޙުކޮށްފައެވެ.
ބައިނަލްއަޤުވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ނޮވެންބަރު 25 ގައެވެ. އެ ދުވަހުން ފެށިގެން ޑިސެމްބަރު 10 ގައި ފާހަގަކުރާ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ހަމައަށް "16 ޑޭސް އޮފް އެކްޓިވިޒަމް" ކެމްޕެއިން ކުރިއަށްގެންދެއެވެ.





