ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ ދަށް އުމުރު 12 އަހަރަށް ތިރިކުރުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަކަން ހޯމް މިނިސްޓަރު ޢަލީ އިޙްސާން ހާމަކުރައްވައިފިއެވެ.
މިހާރު ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކުށުގެ ޒިންމާ ނަގަންޖެހޭ އެންމެ ދަށް އުމުރަކީ 15 އަހަރެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
"ކުށުގެ ޒިންމާ ކުދިން އުފުލަންޖެހޭ އުމުރަކީ ވަރަށް ވައިޑް ރޭންޖެއްގައި މަޝްވަރާކުރަމުން އަންނަ އެއްޗެއް. އަޅުގަނޑުމެން އެބަ ޑިސްކަސްކުރަން 12 އަހަރަށް ތިރިކުރުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އިޙްސާން ވިދާޅުވި ގޮތުގައި، މި އުމުރު ދަށްކުރަން މަސައްކަތްކުރަނީ ކުދިންނަށް އަދަބު ދިނުމުގެ ބޭނުމުގައެއް ނޫނެވެ. ޤާނޫނުގައި 15 އަހަރު ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، 13 އަހަރާއި 14 އަހަރުގެ ކުދިން ވެސް ކުށުގެ މާޙައުލުގައި ވަރަށް ބޮޑަށް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ކުދިން ކުށުގެ މާޙައުލުން ދުރުކުރުމަށް ބަލާއިރު، މިހާރު އޮތް ޤާނޫނީ އޮނިގަނޑުން ޖާގަ ނުލިބޭތީ ސަރުކާރުން ކުރާ މަސައްކަތްތަކަށް ހުރަސްތަކެއް ހުރި ކަމަށާއި، އުމުރު ދަށްކުރަނީ އެ ކުދިން އިޞްލާޙުކޮށް، އެ ކުދިންނާއެކު ކުރެވޭ މަސައްކަތްތައް ފުޅާކުރުމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ކަމުގައި ގޮތެއް ނިންމައި ފިޔަވަޅު އެޅުމުގެ ކުރިން، ކަމާ ގުޅުންހުރި ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ ލަފައާއި މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް އިޙްސާން ވަނީ ވިދާޅުވެފައެވެ.





