ޖެނީވާގައި ބޭއްވި ކެމިކަލް ކޮންފަރެންސްގެ ކޮންޓެކްޓް ގްރޫޕްގެ ކޯ-ޗެއަރގެ މަޤާމު ރާއްޖޭގެ ޙަސަން އަޒްހަރު ފުރުއްވައިފި

ސްވިޒަލެންޑުގެ ޖެނީވާގައި ބޭއްވި "ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް" ގެ ފުރަތަމަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި، އެ އޮނިގަނޑު ތަންފީޛުކުރުމަށް އެހީތެރިވުމުގެ ގޮތުން އެކުލަވައިލި "ކޮންޓެކްޓް ގްރޫޕް" ގެ ކޯ-ޗެއަރގެ މަޤާމު، މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޕްރޮޖެކްޓް މެނޭޖަރ އަލްފާޟިލް ޙަސަން އަޒްހަރު ވަނީ ފުރުއްވާފައެވެ.

މި ނޮވެމްބަރު މަހުގެ 16 އިން 20 އަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ  ޙަސަން އަޒްހަރެވެ. ކޮންޓެކްޓް ގްރޫޕް އެކުލަވައިލީ މަސައްކަތުގެ ޕްރޮގްރާމާއި، މުވައްޒަފުން އަދި ބަޖެޓާ ގުޅޭ ގޮތުން މަޝްވަރާކުރުމަށެވެ.

ކޮންފަރެންސްގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިވުމުގެ ގޮތުން ޤާއިމުކޮށްފައިވާ "ގްލޯބަލް ފްރޭމްވޯކް އޮން ކެމިކަލްސް ފަންޑު" ގެ މުއްދަތު 2035 ވަނަ އަހަރާ ހަމައަށް އިތުރުކުރުމަށް ވަނީ ފާސްކޮށްފައެވެ. އަދި މަސައްކަތްތައް ކުރިއަށްދާ މިންވަރު ދެނެގަތުމަށް ބޭނުންކުރާނެ ދުނިޔޭގެ ފެންވަރުގެ މިންގަނޑުތަކެއް ކަނޑައެޅުމާއި، މި އޮނިގަނޑު ތަންފީޛުކުރުމަށް ދެ ޕްރޮގްރާމެއް އެކުލަވައިލުން ހިމެނޭ ނިންމުންތަކެއް ވެސް ކޮންފަރެންސްގައި ނިންމާފައިވެއެވެ.

މި ކޮންފަރެންސް ބޭއްވީ ކެމިކަލް އަދި ކުނިން އިންސާނުންގެ ޞިއްޙަތަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި، ދުނިޔޭގެ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް ކުރިއެރުވުމުގެ މަޤްޞަދުގައެވެ. ކޮންފަރެންސްގައި އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މަންދޫބުންނާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި، ޞިނާޢީ ދާއިރާގެ ފަރާތްތަކާއި، މަދަނީ ޖަމްޢިއްޔާތައް ވެސް ބައިވެރިވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް