ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރި ފަހުން މިހާތަނަށް، ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި އެއްލައްކައަށް ވުރެ ގިނަ ވޭޕް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފައިވާ ކަމަށް އެ މުއައްސަސާއިން ހާމަކޮށްފިއެވެ.
މި ތަފާސްހިސާބު ހާމަކުރެއްވީ، ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ.
ދިޔާނާ ވިދާޅުވީ، ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅޭ މަނާ ތަކެތި ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމާއި މަނާ ތަކެތި އެތެރެވުން ހުއްޓުވުމުގައި ކަސްޓަމްސްގެ އޮފިސަރުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެކަމަނާ ވަނީ މުވައްޒަފުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.





