މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފެރިދޫ އިން ހައްޔަރުކުރި ދެ މީހުން ބަންދުކޮށްފި

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ފެރިދޫ ޕޮލިހާއި ހިމަންދޫ ޕޮލިސް އަދި މާޅޮސް ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި، އއ. ފެރިދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އއ. ފެރިދޫ، ބިލަމަގުމާގެ، ޢަލީ ޢާމިރާއި އއ. ފެރިދޫ، ރޯޒްމީޑް، އާދަމް ނިމާލް ކަމަށެވެ. އެ ދެ މީހުންނަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ގެންގުޅެ ބޭނުންކުރުމެވެ.

ޢާމިރު ހައްޔަރުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 42 ރަބަރު ޕެކެޓާއި ދެ ސެލޯފިން ކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނިމާލް ހައްޔަރުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 21 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރަން ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ވެސް ފެނިފައިވެއެވެ.

ޢާމިރުގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހާފައިވާއިރު، ނިމާލްގެ ބަންދަށް ޖަހާފައިވަނީ 15 ދުވަހެވެ. ދެ މައްސަލައިގައި ވެސް ފުލުހުން ތަޙުޤީޤު ކުރިއަށް ގެންދަމުންދާ ކަމަށް ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް