ޏ. ފުވައްމުލަކުގައި ކެފޭގެ އުސޫލުން މަސްތުވާތަކެތި ފޯރުކޮށްދީ، އެ ތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުން ގެންދިޔަ ތަނެއް 90 ދުވަހަށް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށް، އެ ތަން ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ތަން ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފައިވަނީ ނޮވެމްބަރު 19 ވަނަ ދުވަހު ކަމަށާއި، ބަންދުކޮށްފައިވަނީ ޏ. ފުވައްމުލައް / ދޫޑިގަން، މާދޫގޭގެ ބައެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން، ފުވައްމުލައް ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ނޮވެމްބަރު 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، ޏ. ފުވައްމުލައް / ދޫޑިގަން، މާދޫގެ، އަޙްމަދު ރަޝީދު (32އ) އާއި ޏ. ފުވައްމުލައް / ދޫޑިގަން، ރޫބީ، މުޙައްމަދު ޝާޛް (36އ) ވަނީ ހައްޔަރުކޮށްފައެވެ.
އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.





