އަމާން ޓަވަރުތަކުން ހުށަހެޅި މައްސަލަތަކުގެ 87 އިންސައްތަ ހައްލުކޮށްފި ކަމަށް އެފްޑީސީން ބުނެފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުން ހުށަހެޅި 7،749 މައްސަލައިގެ ތެރެއިން 6،746 މައްސަލަ، ނުވަތަ 87 އިންސައްތަ ހައްލުކޮށްދީފައިވާ ކަމަށް އެފްޑީސީން ބުނެފިއެވެ.

އެފްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މައްސަލަތައް ހުށަހަޅާފައިވަނީ އެ ކޯޕަރޭޝަންގެ ކަސްޓަމަރ ރިލޭޝަންޝިޕް މެނޭޖްމަންޓް ސިސްޓަމާއި ފަހި ޕޯޓަލް، އީމެއިލް އަދި ރިސެޕްޝަން މެދުވެރިކޮށެވެ. 6،746 މައްސަލައަކަށް ދާއިމީ ހައްލެއް ހޯދައިދީފައިވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެފްޑީސީން މަޢުލޫމާތު ދިން ގޮތުގައި، ގިނައިން ހުށަހަޅާފައިވަނީ މެއިންޓެނަންސާ ގުޅުންހުރި ކަންކަމާއި ފެން ލީކުވުން ފަދަ ޓެކްނިކަލް މައްސަލަތަކެވެ. މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމާއި މަޢުލޫމާތު އަދާހަމަކުރުމާ ގުޅޭ ކަންކަމާއި ޔުނިޓުތަކަށް ގެންނަން އެދޭ ބަދަލުތަކާ ބެހޭ ގޮތުންވެސް މައްސަލަތައް ހުށަހަޅާފައިވެއެވެ. ޓަވަރުތަކުގެ ޢާންމު ސަރަޙައްދުތަކާއި ލިފްޓުތަކުގެ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ގިނަ ޚިޔާލުތަކެއް ލިބިފައިވާ ކަމަށްވެސް އެފްޑީސީން ބުނެފައިވެއެވެ.

ހައްލުނުކުރެވި ބާކީ ހުރި މައްސަލަތައް ވީއެންމެ އަވަހަކަށް ނިންމުމަށް އެ ކޯޕަރޭޝަންގެ ފަންނީ ޓީމުތަކުން ދަނީ މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ. އަދި ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް ކޮންމެ ވަގުތެއްގައިވެސް ހިއްސާކުރެވޭނެ ގޮތަށް، 24 ގަޑިއިރު ޚިދުމަތްދޭނެ ކޯލް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް އެފްޑީސީން ބުނެއެވެ.

ރައްޔިތުންގެ ފަރާތުން ލިބޭ ކޮންމެ ހުށަހެޅުމަކަށް އަވަސް އަދި ހަރުދަނާ ޙައްލެއް ހޯދައިދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަޤީންކަންވެސް އެފްޑީސީން ވަނީ ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް