އުމްރާއަށް ދިއުމަށް 109 މީހަކު ދެއްކި 2.66 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލަ ޕީޖީއަށް ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހަކު އަތުން ނަގާފައިވާ 2،660،300 ރުފިޔާއަށް އަސްކޮއެ ޓްރެވަލް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި އަހަރުގެ ޖުލައި 16 ވަނަ ދުވަހު ކަމަށާއި، ތަހުގީގު ނިންމައި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި، އަސްކޮއެ ޓްރެވަލް ސަރވިސަސްގެ ހަވާލުގައި އުމްރާއަށް ދިއުމަށް 109 މީހަކު ވަނީ ފައިސާ ދައްކާފައެވެ. އެ މީހުން ދެއްކި ޖުމްލަ ފައިސާއަށް ކުންފުނިން ހިޔާނާތްތެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނަމަވެސް ދައުވާކުރަން އެދުނީ ކޮން ފަރާތްތަކެއްގެ މައްޗަށް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް